ޚަބަރު

ބޭރަށް ކިޔަވަންދާ ބައެއް ކުދިންގެއަތުން މަކަރުން ފައިސާ އަތުލާ މައްސަލަ ބަލަނީ


ރާއްޖެއިން ބޭރުގެ ކޯސްތަކާއި ޔުނިވަރސިޓީތަކުގެ މަޢުލޫމާތު ހޯދުމަށް މެދުވެރިއެއްގެ ރޯލުއަދާ ކުރާ އޭޖެންޓުން ދިވެހި ބައެއް ދަރިވަރުންގެ އަތުން ޤަވާއިދާ ޚިލާފަށް ފައިސާ ނަގަމުންދާ ކަމުގެ މައްސަލަ ފެންމަތިވެ އެކަން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބަލަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކުރައްވާ ގޮތުގައި މިފަދަ ކަންތައްތަކެއް ހިންގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމިނިސްޓްރީގެ ސަމާލުކަމަށް އައީ ބެލެނިވެރިންތަކެއް މިކަމުގެ ޝަކުވާ ހުށައަޅަން އެމިނިސްޓްރީއަށް އައި ހިސާބުންނެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ ޝަކުވާ ހުށަހަޅަން އެމިނިސްޓްރީއަށް ދިޔަ ބެލެނިވެރިންވަނީ މިފަދަ އިތުރު ދަރިވަރުންތަކެއް، ފައިސާ ދެއްކިކަމުގެ ރަސީދުވެސް މިނިސްޓްރީއަށް ހުށައަޅާފައެވެ. އަދި މިހާތަނަށް ބެލިބެލުމުން ކޯސްތަކާބެހޭ މަޢުލޫމާތާއި ޔުނިވަރސިޓީ އަދި ކޯސް ހިންގާ މަރުކަޒުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދެމުން އަންނަ އެޖެންޓުން ކޯސް ފީގެ ގޮތުގައި ދައްކާ ވަރަށްވުރެ ބޮޑު ފީއެއް މިކުދިން އަތުން ނަގާފައިވާކަން ހާމަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ކޯސް ފީގެ ގޮތުގައި 2500 ޑޮލަރު ދައްކަންޖެހޭ ކޯސްތަކުގައި ދިޔަ ދިވެހި ދަރިވަރުންގެ އަތުން ކޯސް ފީގެ އިތުރުން މިއޭޖެންޓުންވަނީ 5000 ޑޮލަރު ނަގާފައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެއައޕޯޓުން ދަރިވަރުންގެ އަތުން ފީ ނެގުމަށްފަހު، ހޮސްޓެލްއަށް ގޮސްވެސް މި އޭޖެންޓުން އަނެއްކާ ދަރިވަރުންއަތުން އިތުރަށް ފީނަގާފައިވާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

މިގޮތަށް މަސައްކަތްކުރާ އޭޖެންޓުންގެ މައްސަލަތައް ގިނައިން ފާހަގަކުރެވިފައިވަނީ އިރުމަތީގެ ޤައުމުތަކަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިންކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެގޮތުން މިފަދަ އޭޖެންޓުންގެ އެހީ ބައެއް ދަރިވަރުން ހޯދާފައިވަނީ އެޤައުމުތަކުގެ މަރުކަޒުތަކަށް ބޭނުންވާ ފޯމުތައް ފުރުމާއި ދިޔުމުގެ ކަންކަން ހަމަޖެއްސުމަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަ ކޭސްތަކުގައި ހާމަވެފައިވަނީ ބިދޭސީން ނަމަވެސް މިކަމުގައި ދިވެހިންވެސް އުޅެދާނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

މިފަދަ ކޭސްތަކުގައި ގިނައިން ހިމެނެނީ އެމްބީބީއެސް ކިޔަވުމަށް ދާދަރިވަރުންކަން ފާހަގަކުރެވޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަ ކޭސްތަކުގައި މެޑިސިން ކިޔަވައިގެން އެންބުރި ރާއްޖެއައި ބައެއް ދަރިވަރުންނަށް އެމްކިއުއޭ އެޕްރޫވަލް ސެޓްފިކެޓް ނުލިބުމުގެ މައްސަލަވެސް ދިމާވާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. މިނިސްޓްރީން ވިދާޅުވީ އެހެން ދިމާވަނީ މިފަދަ އޭޖެންޓުން މެދުވެރިކޮށް ކިޔަވަންދާ ދަރިވަރުން އެކޯހަކީ ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ހުއްދަ ކުރާ ކޯހެއްކަން ޔަގީން ނުކުރާތީކަމަށެވެ.

އެހެންކަމުން މިދަފަ މައްސަލަތައް ޙައްލުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންވެސް ކޯހާގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ކޯހަށް ފީދެއްކުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިލްތިމާސްކުރައްވައެވެ. އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުން އެމަސައްކަތްކުރަނީ ޔުނިވަރސިޓީތަކުގެ ހުއްދަ އޮވެގެންތޯ ޔަގީންކުރުމަށްވެސް މިނިސްޓްރީން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިލްތިމާސްކުރައްވާ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ގެންދަވަނީ ކުދިންގެ ތައުލިމާއި ގުޅުންހުރި ޕްރޮގްރާމްތައް ރާވާ ހިންގާ ފަރާތްތައް މޮނީޓަރ ކުރައްވަމުން. އެގޮތުން އެޑިއުކޭޝަން ފެއަރ ތަކާއި އެކްސްޕޯތައް ބޭއްވުމަށް ހަޔަރ އެޑިއުކޭޝަންގެ ޚާއްސަ ހުއްދަތަކެއް ބޭނުންވާއިރު އެނޫންގޮތަކަށް މިފަދަ ކަންކަން ކުރަމުންދޭތޯ މިނިސްޓްރީން ގެންދަވަނީ ބަލަމުން.