ޚަބަރު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އަންނަމަހު ޚިދުމަތް ދޭން ފަށަނީ


އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު ހުޅުވައި އަންނަ މަހު ޚިދުމަތް ދޭން ފަށާނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް-ސާދާތު ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލް ހުޅުވުމާއި ގުޅޭގޮތުން ވަމުންދާ އެންމެ ފަހުގެ ތައްޔާރީ ތަކާއި ގުޅޭ ގޮތުން ޕީއެސް އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއެއްގައި ޝަރަފުއްސާދާތު ވިދާޅުވީ، ޑިސެމްބަރު މަހުގެ ތެރޭ އެހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ، އާ މުވައްޒަފުންނާއި، މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުން ހޮސްޕިޓަލް އިކްއިޕްމެންޓްތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއި ގުޅޭ ތަމްރީނު ތައް ދެމުންދަނީ ބޭރުން އެކަމަށް ގެނެސްފައިވާ މާހިރުންގެ ޓީމަކުންކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް އަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލް އަންނަ މަހުގެ މެދެއްހާ ހިސާބުގައި ހުޅުވައި ޚިދުމަތް ދޭން ފަށާނެއެވެ. އެގޮތުން ފުރަތަމަ ބަދަލު ކުރެވިގެންދާނީ އޯޕީޑީ ފަދަ ޚިދުމަތްތަކެވެ. އެހޮސްޕިޓަލުގައި ބަހައްޓަފައިވާ ޚިދުމަތްދޭ ވަޞީލަތްތަކަކީ ރާއްޖޭގެ ހޮސްޕިޓަލެއްގައި މިވަގުތު ގެންގުޅޭ އެންމެ ޒަމާނީ ވަސީލަތްތަށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވެއެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ)ގެ ލޯން އެހީގެ ދަށުން 9.9 މިލިއަން ޑޮލަރު އަދި ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މިހޮސްޕިޓަލް ހެދުމުގެ މަސައްކަތް ކޮށްފައި ވަނީ އެލީ ކޮންސްޓަރަކްޝަނުންނެވެ. ހޮސްޕިޓަލްގެ ޚިދުމަތްދެނީ އައްޑޫ ކޮންވެންޝަން ސެންޓަރުގެ މައި އިމާރާތުގައެވެ. މީގެ އިތުރުން އެޑްމިނިސްޓްރޭޓިވް ބިލްޑިންގް އަކާއި ސާރވިސް ބިލްޑިންގް އެއް ވަނީ އަލަށް އިމާރާތް ކޮށްފައެވެ

މިހޮސްޕިޓަލުގެ މަސައްކަތާއި ގުޅޭ ގޮތުން ހެލްތު މިނިސްޓަރ އަމީން މިމަހުގެ ކުރީކޮޅު ރައްޔިތުން މަޖިލީހުގައި ވިދާޅުވެފައި ވަނީ، ހޮސްޕިޓަލް ހުޅުވުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތަށް ކުރަމުންދާ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ނަމުގައި ހުޅުވަން ތައްޔާރުވފައިވާ 100 އެނދުގެ މިހޮސްޕިޓަލަކީ، ސަރުކާރުގެ ބެލުމުގެ ދަށުން އަތޮޅުތެރޭގައި ޚިދުމަތްދޭ ޓަރޝަރީ ފުރަތަމަ ހޮސްޕިޓަލެވެ. މިހޮސްޕިޓަލުން އެމްއާރުއައި ޚިދުމަތާއި ސީޓީ ސްކޭން އާއި ހިތުގެ ބަލިތައްފަދަ ޙާއްސަ އެކި ބަލިތަކަށް ، ޒަމާނީ ވަސީލަތްތަށް ބޭނުން ކޮށްގެން ފަރުވާ ދެވޭނެއެވެ.