ޚަބަރު

ފޮޓޯޖެހި އިންޒާރު ނެތި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށައިފި


ފޮޓޯޖެހި ސިއްޙަތުގެ އިންޒާރާ ނުލާ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކާމެދު މިއަދުން ފެށިގެން ފިޔަވަޅު އަޅާނެއެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާބެހޭ ޤަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި އުފައްދާ އެބާވަތުގެ ތަކެއްޗާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހުންނަންވާނީ ފޮޓޯޖެހި ސިއްޙަތުގެ އިންޒާރު ޖަހާފައެވެ. މިނޫން ގޮތަކަށް މިއަދުން ފެށިގެން ދުންފަތުގެ ބާވަތްތައް ވިއްކާނަމަ ފިޔަވަޅު އަޅާނެއެވެ.

މިޤަވާއިދު ތަންފީޒުކުރަން ފަށާއިރު ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޤަވާއިދާ ޚިލާފަށް މިފަދަ މުޢާމަލާތެއް ހިންގައިފިނަމަ އެފަރާތަކުން ޤަވާއިދާ ޚިލާފަށް ވިއްކި ދުންފަތުގެ ބާވަތުގެ އަގާއި އޭގެ ޓެކްސް ފައިސާއާއި އެހެނިހެން ފީތަކުގެ ޖުމްލަ ޢަދަދުގެ 10 ގުނައިން ޖޫރިމަނާކުރާނެއެވެ. އަދި ދެވަނަ ފަހަރަށް މިކުށް ތަކުރާރުކޮށްފިނަމަ ފީތަކުގެ 10 ގުނައިގެ އިތުރުން 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 3 ވަނަ ފަހަރުނަމަ ފީތަކުގެ ދިހަ ގުނައިގެ އިތުރުން 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި 4 ވަނަ ފަހަރުނަމަ ފީތަކުގެ ޖޫރިމަނާގެ ދިހަ ގުނައިގެ އިތުރުން 20000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ކުށް ތަކުރާރުކުރާ 5 ވަނަ ފަހަރުނަމަ ޤާނޫނުގައި ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް މިޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލްޖެހުމާއިބެހޭ ޤަވާއިދުގެ ދަށުންވަނީ ދުންފަތުގެ ބާވަތްތައް ބަންދުކުރެވޭ އެންމެ މަދު މިންވަރުވެސް ބަޔާންކޮށްފައެވެ. އެގޮތުން ސިނގިރޭޓުނަމަ އެންމެ މަދުވެގެން 20 ސިނގިރޭޓު އަދި ބިޑި ނަމަ މަދުވެގެން ބޮނޑިއެއްގައި 50 ބިޑިކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ދުންފަތާއި ދުންފަތް ހިމެނޭ އެހެންބާވަތެއްނަމަ މަދުވެގެން 30 ގުރާމު ހުންނަންވާނެކަމަށްވެސް ގަވާއިދުގައި ބަޔާންކުރެއެވެ.

މިޤަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދަކަމުގެ މައުލޫމުމާތު ލިބިއްޖެނަމަ އެފަދަތަކެތި ތިމާވެއްޓަށް ގެއްލުންނުވާފަދަ ގޮތަކަށް ނައްތާލުމުގެ ބާރު މިނިސްޓްރީ އޮފް ހެލްތަށް ލިބިގެންވެއެވެ. ޤަވާއިދާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބެލުމަކީ މިޤަވާއިދުގެ ދަށުން ހެލްތު މިނިސްޓަރުގެ ޒިންމާއެކެވެ.

ހެލްތު މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިޤަވާއިދު ތަންފީޒުކުރަން ފެށުމުގެ ސަބަބުން ދުންފަތާމެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރުވެ މުޖުތަމަޢުގެ ގިނަބަޔަކު ދުންފަތާއި ދުރުހެލިވުމަށް ބާރަކަށް ވެގެންދާނެއެވެ.