ކުޅިވަރު

ޓޮޓެންހަމަށް ކޮށްދެވެންހުރި ހުރިހާ ކަމެއް ކޮށްދިން: ޕޮޗެޓިނޯ


އޭނާއަށް ކޮށްދެވެންހުރި ހުރިހާ ކަމެއް ޓޮޓެންހަމަށް ކޮށްދިނިން ކަމަށް، ކޯޗުކަމުން މިދިޔަ ހަފުތާގައި ވަކިކުރި އާޖެންޓިނާގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

ފަސް އަހަރާއި ބަޔަށް ފަހު ކޯޗުކަމުން އިސްތިއުފާ ދިނުމަށް ފަހު ފުރަތަމަ ފަހަރަށް އެކަމާބެހޭ ގޮތުން ވާހަކަ ދައްކަމުން ޕޮޗެޓިނޯ ބުނީ އޭނާއާއެކު ކުލަބުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދެކެވުނުގޮތާއި، ކުލަބުން އެދުނު ގޮތަށް ހުރިހާ ކަމެއް ވެސް ފުރިހަމަކޮށްދީފައިވާނެ ކަމަށެވެ.

"އަހަރެން ޝުކުރު އަދާކުރަން ކުލަބުގެ ޗެއާމަނާއި ކުލަބުގެ ވެރިޔާ އަށް. އެއީ ޓޮޓެންހަމުގެ ތާރީޚުން ޖާގަ ހޯދަން އަހަންނަށް ފުރުސަތުދިނީތީ. އަހަރެންގެ ފުރަތަމަ ބައްދަލުވުމުގައި އަހަރެންގާތުގައި ކުރަން ބުނި ހުރިހާ ކަމެއް އަހަރެން ކޮށްދިނިން. އަދި ޓޮޓެންހަމުގައި އަހަންނާ ބައްދަލުވި އެންމެނަށް ވެސް ޝުކުރު ދަންނަވަން. ހާއްސަކޮށް އަހަރެންނަށް ކުރިމަގުގައި ކާމިޔާބު އެދޭކަމަށް ފާޅުކުރި ކުލަބުގެ ހުރިހާ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރަން" ޕޮޗެޓިނޯ ބުންޏެވެ.

އޭނާ ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ޒުވާން ކުޅުންތެރިންތަކެއް ތަރިންނަށް ހަދައިދީފަ އެވެ. އަދި އަގުހެޔޮކޮށް ކުޅުންތެރިން ގެނެސް ބޮޑުއަގުގައި ވިއްކާލެވޭ ފެންވަރަށް އެ ކުޅުންތެރިންގެ ފެންވަރު މަތިކޮށްދީފަ އެވެ. އަދި ޕްރެމިއާ ލީގުގެ ގަދަ ހަތަރެއްގައި ޓީމު ބާއްވައިދީ، ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި ގެންގޮސްދީފަ އެވެ.

ޕޮޗެޓީނޯ މަގާމުން ވަކިކުރުމަށްފަހު އެކުލަބަށް ގެނައީ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އެވެ. އޭނާ ވަނީ އިންޓަމިލާނާއި ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ މެންޗެސްޓާ ޔުނައިޓެޑަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފައެވެ. މީގެއިތުރުން ޗެލްސީގެ ތާރީހުގައި އެކުލަބުގެ އެންމެ ކާމިޔާބުކޯޗަކީވެސް މޮރީނިއޯ އެވެ.