ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓު ރިސެސްއަށް ގޮސްފި އެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ކޯޓުން މައުލޫމާތުދެއްވައެވެ.
ހައިކޯޓުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން، އެ ކޯޓު ރިސެސްއަށް ގޮސްފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެނެވެ. އެހެންނަމަވެސް، ރިސެސްގެ މުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިޔުމަށް ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމާފައިވާކަމަށް އެކޯޓުން މައުލޫމާތު ދެއްވައެވެ. ރިސެސްގެ މުއްދަތުގައި ހައިކޯޓުން ބެއްލެވުމަށް ހަމަ ޖެހިފައިވާ މައްސަލަތަކަކީ ކުއްލި މައްސަލަތަކާއި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގެ އިތުރުން ކޮންމެހެން ހިންގަން ޖެހޭ އަވަސް ތަބީޢަތުގެ މައްސަލަތަކެވެ.
މީގެ އިތުރުން މައްސަލައިގެ ބެންޗު ހަމަވާނަމަ، ދެ ފަރާތުގެ ރުހުމާއެކު، އަޑުއެހުން ނިމިފައި، ޙުކުމް ކުރަން ހުރި މައްސަލަތަކުގައި ރިސެސްގައި އޮތް ނަމަވެސް ހުކުމް ކުރާނެ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.
ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުވެސް އާދިއްތަ ދުވަހުން ފެށިގެން ވަނީ ރިސެސްއަށް ގޮސްފައެވެ. ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެ މަތިން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައެވެ.
ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތުގައިވެސް ކޯޓުގެ ޓާގެޓަށް ވާޞިލުވުމަށްޓަކައި ޓާގެޓްގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީޢަތްތަކާއި އަވަސްނިޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީ ކަނޑައަޅާ ގޮތެއްގެ މަތިން އެމައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.
ސިވިލް ކޯޓު ރިސެސްގެ މުއްދަތުގައި ޢާންމުގޮތެއްގައި ހިންގަމުންދާނީ ސިވިލް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި ނިމިފައިވާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި ކުރިއަށް ނިންމަންހުރި މައްސަލަތައް ދިރާސާކޮށް ޝަރީޢަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި އަދި ކޯޓުގެ އިދާރީ ޚިދުމަތްތަކާއިބެހޭ އެންމެހާ މަސައްކަތްތަކެވެ. އެގޮތުން ކޯޓުގެ މިމަސައްކަތްތައް ކުރުން އިދާރީގޮތުން ރިސެސްގެ މުއްދަތުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް ސިވިލް ކޯޓުން ފާހަގަ ކުރައްވައެވެ.