ރިޕޯޓް

ޑިވިޑެންޑުން ޓެކްސްއެއް ނުނަގާނެ، ވިޔަފާރިތަކަށް ވާނީ ފައިދާ: ޔަޢުޤޫބު


ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި އިންކަމް ޓެކްސްގެ ބިލާއެކު ޑިވިޑެންޑުން ޓެކްސް ނުނަގާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްއަށް ދެއްވި ޙާއްސަ ބަސްތީގަތުމެއްގައި ޔަޢުޤީބު ވިދާޅުވީ، އިންކަމް ޓެކްސްގެ ބިލާއެކު ރާއްޖޭގައި ވަށައިޖެހޭ ފުރިހަމަ ޓެކްސް ނިޒާމެއް ޤާއިމުކުރެވި، ވިޔަފާރިތަކަށް އޭގެ ހެޔޮ އަސަރުކުރާނެކަމަށެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންކަމް ޓެކްސްގެ ބިލާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވީ، އިންކަމް ޓެކްސްގެ ބިލާއެކު ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ފުރިހަމަވެ، ހަރުދަނާވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

މި ބިލް ފާސްކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސްކަމެއް އުފެދުނުކަން ފާހަގަކުރައްވާ ޔަޢުޤޫބް ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވުނީ ޑިވިޑެންޑުންވެސް އިންކަމް ޓެކްސް ނަގާގޮތަށް ކޮމެޓީން ފާސްކުރުންކަމަށެވެ. މިއީ ޑަބަލް ޓެކްސޭޝަނަށް މަގުފަހިވާނެކަމަށްވުމާއެކު އެމް.ޑީ.ޕީގެ ސަރުކާރަކީ ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތައް އަޑުއަހާނެ ސަރުކާރެއް ކަމުން، ބިލް ފާސްކުރި އިރު ޑިވިޑެންޑުން ޓެކްސްނަގާގޮތަށް ހިމަނާފައި ނުވާކަމަށެވެ.

"ވިޔަފާރިތަކަށް ފަހި މާޙައުލެއް ތަނަވަސްކޮށްދެވޭތޯ އަބަދުވެސް މިބަލަނީ. ޑިވިޑެންޑުން ޓެކްސްނެގުން މައިގަނޑު ކަންބޮޑުވުމަށްވީތީ، އަޅުގަނޑުމެން މަޝްވަރާކުރުމަށް އެއްބަސްވީ ޑިވިޑެންޑުން ޓެކްސް ނުނަގާގޮތަށް. މިއީ އިންވެސްޓަރުންނަށާއި ޓެކްސް ޕޭޔަރުންނަށްވެސް އަދި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށްވެސް ލިބިގެންދާ ގްރީން ސިގްނަލެއް" ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވި އެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ވިދާޅުވީ، އެކިއެކި ވިޔަފާރިތަކަށާއި މަޝްރޫޢުތަކަށް ފޮރިން އިންވެސްޓަރުން އިންވެސްޓްކުރާއިރުވެސް، އެންމެ ބޮޑަށް ބަލާނެ އެއްކަމަކީ އެ ޤައުމެއްގެ ޓެކްސްގެ ނިޒާމްކަމުން، ވިޔަފާރިވެރިންނަށާއި ފޮރިން އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުވެފައިއޮތުން އެއީ މި ސަރުކާރުން ކަށަވަރުކުރާނެކަމެއްކަމަށެވެ. އަދި އިންކަމް ޓެކްސްގެ ބިލާއެކު ޓެކްސްގެ ނިޒާމުގައި މިހާރުހުރި މައްސަލަތަކަށް ޤާނޫނީ ހައްލުތަކެއް ހޯދައިދީފައިވާނެކަމަށެވެ. އެގޮތުން މީރާއާއި، ޓެކްސް އެޑްމިނިސްޓްރޭޝަންގެ ޤާނޫނާއި، އިންކަމް ޓެކްސް ހިމެނޭހެން މުޅި ނިޒާމު ފުރިހަމަކުރެވިފައިވާކަން ޔަޢުޤޫބް ފާހަގަކުރެއްވިއެވެ.

ޔަޢުޤޫބް ވިދާޅުވީ، ޓެކްސްގެ ނިޒާމް ރާއްޖެއަށް ތަޢާރަފުކުރެވުމާއެކު ވިޔަފާރިވެރިން ކުރިއަށްވުރެ ބޮޑަށް ޒިންމާދާރުކުރެވި، ހިސާބުކިތާބު ބެލެހެއްޓުމުގެ ކަންކަންވެސް ހަރުދަނާކުރެވިފައި ވާކަމަށެވެ. އަދި އަލަށް މި ތަޢާރަފުކުރެވޭ އިންކަމް ޓެކްސްގެ ޤާނޫނާއެކު މިކަންކަން އިތުރަށް ފުރިހަމަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ވިޔަފާރިތަކަށް ފުރުޞަތު އެބަ ލިބޭ، ކޮންމެވެސް ޒާތަކަށް މަޖުބޫރު އެބަވޭ ރަނގަޅުގޮތުގައި ހިސާބުކިތާބުތައް ބަލަހައްޓައިގެން ކުރިއަށްދާން.. ނަތީޖާއަކީ ވިޔަފާރިވެރިންނަށް އެނގިގެންދާނެ ތިމާގެ ވިޔަފާރި ދަނީ ރަނގަޅު ޓްރެކަށްތޯ ނުވަތަ ގޯސްކޮށްތޯ. ގޯހުންދާނަމަ އެކަންކަން ރަނގަޅުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެ" ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވިއެވެ.

އިންކަމް ޓެކްސްގެ ބިލް ނުވަތަ ފަރުދުންގެ އާމްދަނީން ޓެކްސްނެގުމުގެ ބިލް މިމަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އިންކަމް ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ މިބިލް ތަސްދީޤު ކުރާތާ 3 މަސް ދުވަސް ފަހުންނެވެ. އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އާމްދަނީން ނަގާ ޓެކުހުން ދައުލަތަށް ގާތްގަނޑަކަށް 680 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.