ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ، ޓެކްސީ ޑްރައިވަރެއް ކަމުގައިވާ އދ މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރާލުމާއި އެކު ޓެކްސީ ޑްރައިވަރުންނާއި ހުޅުމާލޭގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. ހާދިސާއަށް 48 ގަޑިއިރު ވެގެންދިޔައިރު އަދި މިހާތަނަށް އެ ޤަތުލާއި ގުޅިގެން ބަޔަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެއެވެ.
ބުދަ ދުވަހުގެ ރޭ އިރާކޮޅު ޤާސިމަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އޭނާ ހުޅުމާލޭގައި މީހުން އާބާދުވެފައި ނުވާ، އަދި މިހާރު އިމާރަތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދުގައި ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގެ އުތުރަށް އޮންނަ ރީތިގަސް މަގުގައި މަގުބައްތި ޖަހާފައި ހުރި ނަމަވެސް އެއްބައްތި އަނެއް ބައްތި އާއި ހުރި ދުރުކަމުގެ ސަބަބުންނާއި، މަގުގެ އަރިމަތީގައި ހައްދާފައިވާ ބޮޑެތި ދަނބުގަސްތަކުގެ ސަބަބުން އެކަށީގެންވާ ވަރަށް މަގުގައި އަލިކަމެއް ނޯވެއެވެ. އަދި އެމަގަކީ އާއްމުކޮށް މީހުން ދަތުރުކޮށް އުޅޭ މަގެއް ނޫންނަަމަވެސް ސައިކަލު ދުއްވަން ނުކުންނަ އަންހެނުންނާއި ފިރިހެނުން އެމަގުގެ އެކި ހިސާބުތަކުގައި އިރާކޮޅާއި ދަންވަރުވެސް މަޑުކޮށްގެން ތިބެއެވެ.
ބުދަ ދުވަހުގެ ރޭގެ ހާދިސާގައި ޒަޚަމްތަކާއި އެކު ޤާސިމް ހަސަން މަޤުމައްޗަށް ވެއްޓިފައި އޮއްވައި އެންމެ ފުރަތަމަ ފެނިފައި ވަނީ، ސަރުކާރު ކުންފުންޏެއްގެ ވެހިކަލެއްގައި ތިބި ބަޔަކަށެވެ.
މައުލޫމާތު ޕީއެސްއެމް ނިއުސް އާއި ހިއްސާކުރި، މީހާ ބުނީ، އާއްމުކޮށް މީހުން ދަތުރު ނުކުރާ އެމަގަށް މީހަކު ވެއްޓިފައި އޮއްވައި ފެނުމުން މަޑުކޮށް ބެލި އިރު އޭނާ އޭރު މަރުނުވާކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނުނު އިރު އޭނާ ނޭވާލާ. ވީ ކިހިނެއްކަމެއް ނޭނގޭ އޭރަކު. ވަރަށް ބައިވަރު ލޭހުރި. ވެހިކަލްގައި ތިބީ އަޅުގަނޑާއި އިތުރު އެހެން މީހެއް. ދެމީހުން ކުރެ އެކަކަށްވެސް ފުލުހުންނަށް ގުޅާނެ ނަމްބަރެއް ނޭނގުނު. އެވަގުތު އެސަރަހައްދަށް ސައިކަލެއްގައި އައި އެހެން ކުއްޖަކު ލައްވައި ފުލުހުންނަށް ގުޅީ" އޭނާ ކިޔައިދިނެވެ.
ފުލުހުންވެސް ބުނެފައި ވަނީ ޤާސިމް ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެވެމުން ދަނިކޮށް ކަމަށެވެ.
އޭނާ ބުނީ، ޤާސިމް ދުއްވި ކާރު މަގުގެ އެއް އަރީގައި އިންޖީނުވެސް ނިވާނުލައި އޮތް އިރު، ކާރުގެ ތެރޭގައިވެސް ލޭ ހުރި ކަމަށެވެ. ޤާސިމް ވެއްޓިފައި އޮތީ ކާރާއި މާދުރުނޫން ހިސާބަކަށެވެ.
އޭނާ ބުނީ، ޒަޚަމްތަކަކާއި އެކު ޤާސިމް މަގުމައްޗަށް ވެއްޓިފައި އޮތް މަންޒަރު ދުށް އިރު އެއީ އޭނާގެ ހަޔާތުގައިވެސް ދުށް އެފަދަ ފުރަތަމަ މަންޒަރު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހިތް ބިރުގެންފައި ވާކަމަށެވެ.
ޤާސިމް ހަސަނަކީ ހުޅުމާލޭގެ ތާރީޚުގައި އެރަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ދެވަނަ މީހާއެވެ. ހުޅުމާލޭގައި އެންމެ ފުރަތަމަ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހުޅުމާލޭ ހާފްވޭ ހައުސް ކައިރިންނެވެ.
ބުދަ ދުވަހުގެ ރޭގެ ހާދިސާ އާއި ގުޅިގެން ޓެކްސީ ޑްރައިވަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އަސްލު ވަރަށް ބިރުވެރި ކަމެއް މިއީ. ރޭގަނޑު ދަންވަރު ޓެކްސީއަށް އަރާ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުންވެސް ޖެހިލުންވޭ." ޕީއެސްއެމް ނިއުސް އާއި ވާހަކަދެއްކި ޑްރައިވަރަކު ބުންޏެވެ.
ހުޅުމާލޭގައި ދިރިއުޅޭ އާއްމު ރައްޔިތުންވެސް ތިބީ ހާދިސާ އާއި ގުޅިގެން ނުހަނު ކަންބޮޑުވެފައެވެ.
"ބިރުގަންނާނެ އެއްނު. މިހާރު މިރަށުގައިވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި ގުރޫޕް ހަދާފައި އުޅޭ މީހުންގެ ބިރު މިއޮތީ ބޮޑުވެފައި. އަނެއްކާ މިހާރު މީހުން މަރަންފެށީ" އޭނާ ބުންޏެވެ.
ސިނަމާލެ ބުރިޖާއި ހައިވޭއިން މާލެ އާއި ހުޅުމާލެ ގުޅާލެވުމަށް ފަހު، ހުޅުމާލޭގެ ހަމަހިމޭންކަން ވަނީ ގެއްލިފައެވެ. އަދި ހުޅުމާލޭގެ ފަޅު އަނދިރި ސަރަހައްދުތަކަކީ ގުރޫޕްތަކުގެ އައްޑާތަކަކަށްވެސް ވަނީ ހަދާފައެވެ.