ސިއްހަތު

މައިސޫރުގައި އުޅޭ ދިވެހިންނަށް އާސަންދަ ލިބޭނެ ގޮތް ހަދަނީ


އަންނަ މަހުން ފެށިގެން އިންޑިޔާގެ މައިސޫރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށްޓަކައި މަޝްވަރާތައް ކުރަމުންދާކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ.ޕަބްލިކް ސާރވިސް މިޑިއާ އަށް މައުލޫމާތުދެއްވަމުން އާސަންދައިގެ މެޑިކަލް ޑައިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ ، މައިސޫރުގައި ހުންނަ ކޮލަމްބިއާ އޭޝިޔާނާ ހޮސްޕިޓަލުން މައިސޫރުގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.މިހާރުވެސް ބެންގަލޫރުގައި ހުންނަ ކޮލަމްބިއާ އޭޝިއާ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ލިބެމުންދެއެވެ.ޒީނިޔާ ވިދާޅުވީ މިހާރު ހޮސްޕިޓަލާއެކު މަޝްވަރާކުރެވެމުންދަނީ އަގުތައް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.އިންޑިޔާގެ މައިސޫރުގައި ތިން ސަތޭކަ އަށް ވުރެ ގިނަ ދިވެހިން އާއިލާއާއި އެކު ދިރިއުޅެމުންދާނެކަމަށް އާސަންދައިން ލަފާކުރެއެވެ.ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް މިހާރުވެސް ސްރީ ލަންކާ އާއި އިންޑިއާގެ ޓުރިވަންޑްރަމް އަދި ބެންގަލޫރުގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ލިބެއެވެ.ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދެމުންދާ ފަރުވާ ތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމަރޖެންސީ ޙާލަތްތަކުގައި ކޮންމެހެން ބޭނުންވާ ފަރުވާއެވެ. އާދައިގެ ހުމާއި އެހެނިހެން ރާއްޖޭގައި ލިބެންހުންނަ ފަރުވާތަކަށް އިމަރޖެންސީ ޙާލަތުގައި ނޫނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާދިނުމުގެ އުޞޫލެއް ހަމަޖެހިފައިނުވާ ކަން އާސަންދައިގެން ފާހަގަކުރެއެވެ.މިކަމަށް މައުސޫރުގައި ދިރިއުޅޭ ދިވެހިން ހޭލުންތެރިކުރުމަށްޓަކައި  މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާސަންދައިން މައުލޫމާތުދެއެވެ.