ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތް: ދިފާއީ ބައެއް ހެކިންގެ ނަންތައް އަނބުރާ ގެންގޮސްފި


ބްލޮގަރ ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ އިސްމާއިލް ރަޝީދު އޭނާގެ ދިފާއުގައި ހުށައެޅި ހެކިންގެ ތެރެއިން ބައެއް މީހުންގެ ނަންތައް އަނބުރާ ގެންގޮސްފިއެވެ.

ޔާމިން ރަޝީދު މަރުގެ މައްސަލާގައި މިަދު ބޭއްވި އަޑުއެހުމުގައި އޮތީ އިސްމާއިލް ރަޝީދުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވާ 7 މީހެއްގެ ހެކިބަސް ނެގުމެވެ. އެހެންނަމަވެސް އެ ހަތް މީހުންގެ ހެކިބަސް ނަގަން ބޭނުންނުވާކަމަށް އިސްމާއިލް ރަޝީދު ދިފާޢީ ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވީ ދިފާއީ ހެކިންގެ ނަންތައް އަނބުރާ ގެންދިޔުމަށް ނިންމީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު ދައުވާ ސާބިތުކުރެވޭނެކަމަށް ނުފެންނާތީކަމަށެވެ. މި މައްސަލާގައި އިސްމާއިލް ރަޝީދުގެ ދިފާއީގައި ޖުމްލަ 11 ހެކިން ހުށައަޅާފައިވއެވެ. އޭގެތެރެއިން މިއަދު ހެކިބަސް ނަގަން އޮތް 7 މީހުންގެ ނަން އަނބުރާ ގެންދިޔަނަމަވެސް ދެން ތިބި 4 މީހުންގެ ހެކިބަސް ނަގަން ބޭނުންވާކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އަދި އެ ހަތަރު މީހުން ކޯޓަށް ހާޒިރުކުރުމަސް އަމުރެއް ނެރެދިނުމަށްވެސް މަައުމޫން ހަމީދު ވަނީ އެދިވަޑައިގެންފައެވެ.

މައުމޫންގެ ހަމީދުގެ ވާހަކަތަކަށް ޖަވާބުދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ ހަތަރު މީހުންގެ ތެރެއިން ފުރިހަމަ ނަމާ އެޑްރެސް އޮތީ އެންމެ މީހެއްގެ ކަމަށެވެ. އެއީ ޔާމިން ރަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ޒާހިދު ރަމީޒްގެ ނަމެވެ. އެހެންކަމުން އޭނާ ކޯޓަށްހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމަރު ނެރެދޭން ގާޒީ ވަނީ ނިންމަވާފައެވެ.

ޔާމިންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ އިސްމާއިލް ހައިޝަމް ރަޝީދާއި އަޙްމަދު ޒިހާން އިސްމާއިލް އާއި މުޙައްމަދު ދިފުރާން އާއި ޙަސަން ޝިފާޒް އާއި އިސްމާއިލް ރަޝީދުގެ މައްޗަށެވެ. މި އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.