ރިޕޯޓް

ދިވެހިންގެ ތެރޭގައި ހަރުކަށި ފިކުރުތަކަށް ތަބާވާ 1500 އަށްވުރެ ގިނަ މީހުން އުޅޭ


ދިވެހިންގެ ތެރޭގައި ހަރުކަށި ފިކުރުތަކަށް ތަބާވާ 1500 އަށްވުރެ ގިނަ މީހުން އުޅޭކަން ފާހަގަކުރެވިފައިވާކަމަށް ސަލާމަތީ ޚިދުމަތްތަކުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތަކާއި ހަރުކަށި ފިކުރު ފެތުރުވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފުލުހުންގެ ސްޓޭޝަން އިންސްޕެކްޓަރ ޔަމާނީ ޖަޢުފަރު ވިދާޅުވީ، މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން ދިވެހިންގެ ތެރޭގައި ހަރުކަށި ފިކުރުތައް ޤަބޫލުކޮށް، އެއަށް ތަބާވާ މީހުން ހަރަކާތްތެރިވާން ފަށާފައިވާކަން ފާހަގަކުރެވިފައި ވާކަމަށެވެ.

އެގޮތުން ސަލްޓަން ޕާކް ސަރަޙައްދުގައި ބޮމެއް ގޮއްވާލުމާއި، ހިމަންދޫގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައިވެސް އިސްކޮށް އުޅުނީ އެފަދަ ފިކުރުތަކަށް ތަބާވާ މީހުންކަމަށް ކަމަށާއި، ނޫސްވެރިޔާ ރިޟުވާންގެ ކޭހާއި ބްލޮގަރ ޔާމީން ރަޝީދުގެ ކޭސްގެ އިތުރުން 2017 ވަނަ އަހަރު ދެ އައި.އީ.ޑީއެއް ބޭނުންކޮށްގެން ގޮއްވާލަން އުޅުނު މައްސަލައިގައި ވެސް މިފަދަ ފިކުރުތަކަށް ތަބާވާ މީހުންގެ ބައިވެރިވުން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް 170 ދިވެއްސަކު ސީރިޔާއަށް ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޔަމާނީ ވިދާޅުވީ، ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތްތަކުގެ ފިކުރުތައް ރާއްޖޭގައި ޕްރޮމޯޓްކޮށް އެފަދަ ފިކުރުތަކަށް ތަބާވާ 1400 މީހުން ރާއްޖޭގައި އުޅޭކަމަށާއި، ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖޭން ބޭރަށް ގޮސްފައިވާ ދިވެހިން ހިމެނޭހެން މުޅި ޖުމްލަ ހަރުކަށި ފިކުރަށް ތަބާވާ 1570 ދިވެހިން އުޅޭކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ގޭންގުތައް މިކަމުގެ ތެރެއަށް ވައްދާ، ޓެރަރިސްޓް ޖަމާޢާތްތަކަށް ދިވެހިން ރެކްރޫޓްކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގޭންގުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ހަރުކަށި ފިކުރުތަކުގެ މީހުން މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި. އަދި ދުވަހުން ދުވަހަށް ރެކްރޫޓްކުރުންވެސް އިތުރުވަމުންދާކަން ފާހަގަކުރެވޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ މިންވަރަކަށް މި އަދަދު މިދަނީ އިތުރުވަމުން. ހަތިޔާރު އުފެއްދުމާއި އެތަކެތި ބޭނުންކުރުން ރާއްޖޭގައި އިތުރުވަމުންދާކަންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަދި ބޭރުން ތަމްރީން ހޯދައިގެން އައިސް އެހެން މީހުންނަށް އެކަންކަން ދަސްކޮށްދޭން މަސައްކަތްކުރާކަންވެސް ފާހަގަކުރެވޭ" ފުލުހުންގެ ސްޓޭޝަން އިންސްޕެކްޓަރ ޔަމާނީ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނެޝެނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަޢީމު ވިދާޅުވީ، ހަރުކަށި ފިކުރުތަކަށް ތަބާވާ މީހުންގެ ފުށުން ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް އެއީ ބާޠިލު އެއްޗެއްގެ ގޮތުގައި ޤަބޫލުކުރުމާއި، ހަނގުރާމަތަކަށް ދިއުމަކީ ކުރުން ލާޒިމްކަމެއްގެ ގޮތުގައި ވިސްނައިދޭން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާކަމަށް. އަދި ކުޑަކުދިންނާއި އަންހެނުން އިންސާނީ ހައްޤުތަކުން މަޙްރޫމްކޮށް، އެމީހުންގެ ފުށުން ނާޖާޢީޒް ފައިދާ ނަގަމުންދާކަން ފާހަގަކުރެވިފައި ވާކަމަށް ނަޢީމު ވިދާޅުވިއެވެ.

"ހިޖުރަކުރުންކަމަށް ބުނެދީގެން މައިންބައިފައިންނަށް އަޅާނުލާ ޢާއިލާއާއި ކުޑަކުދިން ނިކަމެތިކޮށް، ޓެރަރިސްޓް ޖަމާޢަތްތަކާގުޅިގެން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހިން ދިއުމާއި، ހަމަނުޖެހުންތަކުގައި ބައިވެރިވުމާއި، މީހުން ފޮނުވުމަށް މަސައްކަތްކުރާކުރުން މިއީ ކަންބޮޑުވާކަމެއް. ޤައުމީ ދިދައާއި، ޤައުމީ ނިޝާނާއި ޤައުމީ ލަވައަށް އިންކާރުކޮށް، ލާއިންސާނީ ޢަމަލުތައް ފެތުރުވުމަށް އެމީހުން ދަނީ މަސައްކަތްކުރަމުން" ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަޢީމު ވިދާޅުވިއެވެ.

ނެޝެނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވީ، ހަރުކަށި ފިކުރުތަކަށް ތަބާވެ ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތްތަކަށް ދިވެހިން ރެކްރޫޓްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި، ދަޢުލަތުގެ ހުރިހާ ވުޒާރާއަކާއި، އާއްމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ.

އަދި މުޅި މުޖުތަމަޢު އެފަދަ ފިކުރުތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، އެފަދަ ފިކުރުތަކަށް ތަބާވެފައިވާ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ޕްލޭންތަކެއްގެ ދަށުން މަސައްކަތްތަކެއް ކުރަމުންދާކަން އެ ސެންޓަރުން ފާހަގަކުރައްވާފައެވެ.