ދިވެހި ޕްރިމިއަރ ލީގުގައި މިއަދު 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޓީސީ ސްޕޯޓްސް ކްލަބުން ފަހަތުން އަރައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ޓީސީއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ދަ ގްރާންޑޭގެ އޮބައިދާ ކަދޫމް ފޮނުވާލީ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި އޮބައިދާ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ޔަސްފާދު ހަބީބަށް ލިބުމުން އޭނާ ކުރިޔަށް ކުރިޔަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ދަ ގްރާންޑޭއިން ޖެހި ފުރަތަމަ ލަނޑަކީ ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރުން ހެދި ގޯހެެއްގެ ފައިދާ ނަގައިގެން ޖެހި ލަނޑެކެވެ. މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އޮބައިދާ އެވެ. އޭގެ އަށް މިނިޓް ފަހުން ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް ކައިިރިން ނައްޓާފައި އޮބައިދާ ވަނީ އިތުރު ލަނޑެއް ޖަހައި ދަ ގްރާންޑޭގެ ލީޑުފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީއަށް ވަނީ ލަނޑެއް ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން 45 ވަނަ މިނެޓުގައި އިސްމާއިލް އީސަ ދިން ބޯޅައަކުން އޭރިއާ ތެރޭގައި ހުސްކޮށްހުރެފައި އިޝާން އިބްރާހިމް ފޮނުވާލި ބޯލަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
މީގެ އިތުރުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޓީސީގެ އިބްރާހިމް ޝަފްރާޒް ބޭއަދަބީ އިބާރާތުން ވާހަކަ ދެއްކުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ރަތްކާޑާއެކު ޓީސީއިން ދެވަނަ ހާފަށް ނުކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ދެވަނަ ހާފު ފަށައިގެން ޓީސީއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑު ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން 7 މިނެޓުގެ ތެރޭގައި ޓީސީއިން ވަނީ 3 ލަނޑު ޖަހާ ދަ ގްރާންޑޭ ސިއްސުވާލާފައެވެ.
ޓީސީއިން މިމެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އިޝާން އިބްރާހިމްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާއެވެ. އަދި އޭގެ 3 މިނެޓު ފަހުން އިސްމާއިލް އީސަ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ޓީސީއަށް ހަމަހަމަކޮށްދީފައެވެ. މި މެޗުން ޓީސީ މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އިޝާން އިބްރާހިމްއެވެ. އިޝާން އިބްރާހިމް މި ލަނޑު ކާމިޔާބުކޮށްދިނީ، އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޓީސީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 11 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު މިރޭ ކުޅޭ މެޗުން ގްރީން ސްޓްރީޓްސް އިން ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން ތިން ވަނަ ލިބޭނެ އެވެ. ދަ ގްރާންޑޭ އޮތީ 11 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.