ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްޓަކައި އެޖެންޓެއް މެދުވެރިކޮށް ރާއްޖޭގެ ހޮޓަލަކަށް ފައިސާ ދެއްކުމަށްފަހު ރާއްޖެ އައި ޓޫރިސްޓުންތަކެއްގެ ހޮޓެލް ބުކިން ކެންސަލްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހަންގޭރިއަށް ނިސްބަތްވާ ޓޫރިސްޓް އާއިލާއަކުން އެޖެންޓަށް ފައިސާ ދައްކާފަ ރާއްޖެއައި ފަހުން އެމީހުން ފައިސާ ދެއްކި ހޮޓެލްގެ ބުކިން ކެންސަލްވެފައިވާ މައްސަލައެއް އެއާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެ ޓޫރިސްޓުންނަށް މާލެ އަތޮޅުގެ ރިސޯޓެއްގައި ތިބެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތުދީފައިވެއެވެ.
މަޢުލޫމާތުލިބިފައިވާ ގޮތުގައި ހަންގޭރިއަށް ނިސްބަތްވާ މިއާއިލާއިން އެޖެންޓަށް ފައިސާ ދެއްކީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި ފައިސާ ދެއްކުމުން ކޮންފޮމޭޝަން މެއިލެއްވެސް އެ މީހުނަށް އެޖެންޓް ފޮނުވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބުކިން ކެންސަލް ވެފައިވަނީ އެޖެންޓް އެ ފައިސާ ހޮޓަލަށް ނުދައްކާ އޮތުމުން ކަމަށާއި އެހެންކަމުން އެމައްސަލަ ފުލުހުންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަން ފަށާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.