ރާއްޖޭގެ ފުޓްބޯޅައިގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ އެއް މޭޒަކަށް އަރަންޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގައި މަސައްކަތްކުރި ކޯޗު މުޙައްމަދު ޝިޔާޒް މިހެން ބުނެފައިވާއިރު ރާއްޖޭގެ ފުޓްބޯޅަ މިހާރު ވަނީ މިހާތަނަށް ދަށަށް ނުދާހާ މިންވަރަށް ދަށަށްގޮސްފައިވާކަމަށްބުނެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ބުދަ ދުވަހު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ނުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްލަބް އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ ޙާލަތު އެންމެނަށްވެސް އެނގޭކަމަށެވެ. ފުޓްބޯޅައިގެ ޙާލަތާއިމެދު ފާޑު ކިޔުމަކުން އަދި ހައްލެއް ނުލިބޭނެކަމަށާއި، މުހިއްމީ އެންމެން އެއް މޭޒަކަށް އަރައި މިކަމަށް ހައްލެއް ހޯދަން މަޝްވަރާކުރުންކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ގަބޫލްކުރާގޮތުގައި މީގަ ފާޑު ކިޔުމަކުން އަދި ހައްލެއް ނެތް. ހައްލެއް ހޯދަން މަސައްކަތް ކުރުން ކަންނޭނގެ މުހިއްމީ. ވަރަށް ގިނަ ދުވަހު މިއަހަރު ފެށުނީއްސުރެއް ހަމަ މިދަނީ ފާޑުކިޔަމުން. އެހެންނަމަވެސް މިކަމުގައި އަލިމަގެއް މިކަމުގައި ފެންނަމުން އަންނަ ތަނެއް ނާދޭ. އަޅުގަނޑަށް ހީވަނީ ފާޑުކިޔުމަށްވުރެއް މީގަ މުހިއްމީ ހައްލެއް ގެނެވޭނެގޮތެއް އޮތުންހެން. އެފްއޭއެމުންވެސް އެކަން ބޭނުންވެގެން އެންމެން އެކީ އެއްގަލަކަށް އެއް މޭޒެއް ދޮށަށް އަރައިގެން މިކަމާއި ބަހުސްކޮށް ދައްކާ ވާހަކަތައް އަޑުއެހުމުގެ ގާބިލްކަން ހުރިހާ ފަރާތްތަކެއްގެވެސް އޮވެގެން ތިބެގެން އެކަމާއި ވާހަކަ ދައްކަ އެމޭޒެއް ދޮށުގައި ދައްކަން ޖެހޭ ވާހަކަތަކާއި ކުރަން ޖެހޭ ހަނގުރާމަތަކާއި ކިޔަން ޖެހޭ އެއްޗިހިތަކާއި ކިޔާ ނިމިގެން ދެން ފުޓްބޯޅައަށް ކިހިނެއްތޯ ކޮށްދެވޭނީ ކޮންމެ މީހެއް ފަރާތުންވެސް." މުހައްމަދު ޝިޔާޒު (މޯހަން) ބުންޏެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމޭނެ ދުވަހެއް ނޭނގޭކަމަށާއި މިކަމުގެ ސަބަބުން ކުރިމަގަށް ކަންކަން ޕްލޭންކުރަން އުނދަގޫތަކެއް ކުރިމަތިވާކަމަށެވެ. އަދި މިހާތަނަށް ލިބިފައިއޮތީ ލީގުގެ ދެވަނަ ބުރުގެ ޝެޑިއުލް އެކަނިކަމަށާއި، ތިންވަނަ ބުރު އޮތީ ކިހިނެއް ކަމެއްވެސް އަދި ނޭނގޭކަމަށެވެ.
"މިހާރު މި ދެވަނަ ބުރުގެ މެޗުތަކުގެ ޓޭބަލްއެއް މިއޮތީ ލިބިފައި. ތިންވަނަ ބުރު އަދި އޮތީކީ ކިހިނެއް ކަމެއް ނޭންގެ. ސީޒަން ނިމެނީ ކޮން ދުހުކުކަމެއް ނޭންގެ. ކަލަންޑަރުތައް ނުލިބެންޏާ ހަގީގަތުގައި ވަރަށް އުނދަގޫ އެއްޗިހިތަކެއް ޕްލޭންކުރަން. ދެން މިއާއެކީގައި އެއްކަލަ ކުޅުންތެރިންނަށް ވާނުވާ ނޭންގި ދިޔައީމަ ސެލްފް މޯޓިވޭޓްއެއް ނުވޭ. ދަނޑަށް މީހަކު ވަންނަނީކީ ނޫން. އިންކަމް ގަވާއިދުން ނުލިބޭ." މޯހަން ބުންޏެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް އީގަލްސް ވަނީ ތާވަލްގެ 2 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. މި ވަގުތު ލީގުގެ ދެވަނައިގައި އީގަލްސް އޮތީ 13 މެޗު ކުޅެގެން ލިބުނު 24 ޕޮއިންޓާއެކު އެވެ. ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ 15 މެޗުން 38 ޕޮއިންޓާ އެކު އެވެ.