އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުނަށް ޚާއްސަކޮށްފައިވާ ސްލޮޓަކަށް ކުރިމަތިލާ މީހަކަށް ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިނުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޝަރީފު ވިދާޅުވީ ކައުންސިލް ރައީސްކަމަށް އަންހެނަކަށްވެސް ކުރިމަތިލެވިދާނެކަމަށެވެ. އެހެން ނަމަވެސް އޭނާ އަކީ ކައުންސިލްގައި އަންހެނުނަށް ޚާއްސަކޮށްފައިވާ ސްލޮޓަށް ވާދަކުރާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މި ފަހަރު ކައުންސިލަށް ކުރިމަތިލާއިރު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާ މީހާއަށާއި އަންހެނުނަށް ޚާއްސަކޮށްފައިވާ ސްލޮޓަށް ކުރިމަތިލާ މީހުނަށާއި ކައުންސިލްގެ ޢާއްމު މެންބަރުކަމަށް ކުރިމަތިލާ މީހުނަށް އޮންނާނީ ވަކި ފޯމެއް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ކައުންސިލްތަކުން ތެއްތިރީސް އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަކޮށް، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙާއެކު އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ރަށު ކައުންސިލްތަކުން ތިންސަތޭކަ ހަތްދިހަ ދެ ގޮނޑި ޚާއްސަކުރަންޖެހެއެވެ. އަދި ތިން ސަތޭކަ ހަތްދިހަ ދެ ކައުންސިލް ގޮނޑިއަށް ދެ ޖިންސުގެ މީހުންނަށް ކުރިމަތިލެވޭނެއެވެ. އަދި ރަށު ކައުންސިލްގެ ރައީސްގެ މަޤާމަށް ސަތޭކަ ހަތްދިހަ ނުވަ މީހަކު އިންތިހާބުކުރަންޖެހެއެވެ.
މާލެ ސިޓީ ކައުންސިލްގެ ހަ ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލް ހަތަރު ގޮނޑީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ދެ ގޮނޑި އަންހެނުނަށް ހާއްސަކުރަންޖެހެއެވެ.