ހުޅުމާލޭގެ މޫސުން ދެނެގަތުމަށްޓަކައި އެކަމަށް ޚާއްސަ އޮޓޮމެޓިކް ވެދަރ ސްޓޭޝަނެއް ހުޅުމާލޭގައި ޤާއިމުކޮށްފިއެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިސިސްޓަމް ހުޅުމާލޭގައި ޤާއިމުކުރުމުގެ ސަބަބުން ހުޅުމާލޭގެ މޫސުން ދެނެގަތުމުގައި އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ. އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ޤާއިމުކުރި މިސިސްޓަމްގެ ސަބަބުން ވާރޭގެ ތަފްސީލު ކޮންމެ 10 މިނިޓަކުން މޫސުމާއި ބެހޭ އިދާރާގެ ސިސްޓަމްތަކަށް އަޕްޑޭޓްވަމުން ދާނެއެވެ. މީގެ ސަބަބުން މިސަރަޙައްދަށް ނެރޭ މޫސުމާއި ގުޅޭ އެލަރޓްތަކާއި މެޓުން ލަފާކުރާ ގޮތް ސައްޙަވާނެއެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ މިހާރު ގްރޭޓަރ މާލޭ ސަރަޙައްދުގެ މޫސުން ދެނެގަތުމަށް ބޭނުންކުރަނީ ހުޅުލޭގައި ޤާއިމުކޮށްފައިވާ ވެދަރ ސްޓޭޝަންކަމަށެވެ. އެހެންކަމުން އެންމެ އެކަށީގެންވާ ގޮތަށް ގްރޭޓަރ މާލޭގެ މޫސުން ލަފާކުރުމުގައި މީގެ ކުރިން ހުރި ދަތިތައް ޙައްލުވެގެންދާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
އެއިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ ސިސްޓަމެއް މާލޭގައި ޤާއިމުކުރުމުގެ މަސަކަތްވެސް ފަށާނެކަމަށެވެ. އެގޮތުން މާލެއަށް ވެހޭ ވާރޭގެ ނިސްބަތުން ފެންބޮޑުވާ މިންވަރާ ގުޅޭ ދިރާސާތައް ހެދި މިމައްސަލައަށްވެސް ޙައްލު ހޯދުމަށް މަގުފަހިވާނެކަމަށް އެއިދާރާއިން ހާމަކުރައްވައެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރުވެސް މިފަދަ ސިސްޓަމްތައް ޤާއިމުކޮށްފައިވާއިރު މީއީ މޫސުން ލަފާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމެއްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މެޓުން ހާމަކުރައްވާގޮތުގައި މިފަދަ ސްޓޭޝަންތަކުން އެއްކުރާ މައުލޫމާތަކީ ޑޭޓަރ އެނަލައިޒްކޮށް ދިރާސާކުރަން ބޭނުންވާފަރާތްތަކަށާއި އާއްމުންނަށް ފަސޭހައިން ލިބޭނެ މައުލޫމާތަކަށް ހެދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އީމެއިލްގެ ޒަރިއްޔާއިން މިކަން މިހާރުވެސް ކުރައްވަމުންގެންދަވާއިރު މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބޭނެ އިންތިޒާމު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.