ކުޅިވަރު

ރާއްޖޭގެ ކުޅިވަރު ހަލާކުވެގެންދަނީ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ސަބަބުން: ސުޒެއިން


ރާއްޖޭގެ ކުޅިވަރު ހަލާކުވެގެންދަނީ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ސަބަބުން ކަމަށް ތަޖުރިބާކާރު ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އަޑުން އަލަށް ފެށި ކުޅިވަރު ޕްރޮގްރާމް "ސްޕޯޓްސް ބަޒް" ގައި ވާހަކަދައްކަމުން ޢަލީ ސުޒޭން ބުނީ ދިވެހިރާއްޖޭގައި ކުޅިވަރުގެ ތެރެއިން ޙާލަތު ގޯހީ ހަމައެކަނި ފުޓްބޯޅައިގައި ނޫންކަމަށާއި މުޅި ކުޅިވަރުގެ ޙާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. ސުޒޭން ބުނީ މިޙާލާތައް ކުޅިވަރު ވައްޓާލީ ކުޅިވަރުގެ ތެރެޔަށް ޑިމޮކްރޮސީ ވަދެ އެސޯސިއޭޝަންތަކަން އިންތިޙާބީ މަޤާމްތަކަށް ކުއްލިޔަކަށް މީހުން ޢައްޔަނު ކުރި ހިސާބުންކަމަށާއި އެހިސާބުން ކުޅިވަރުގެ އެތެރެއިންނާ ބޭރުންވެސް ނުރަނގަޅު ވާދަވެރިކަމެއް އުފެދިގެންދިޔަކަމަށެވެ. މީގެ ސަބަބުން ކުޅިވަރުގެ ރުހާ ހިލާފު އެތަކެއްކަމެއް އެސޯސިއޭޝަންތަކުގައި ހިގަމުންދާކަމަށް ސުޒޭން ތުހުމަތުކުރިއެވެ.

މީގެ ކުރިން ފުޓްބޯޅަ އިދާރާގައި ވެސް އިސްމަޤާމެއްގައިވެސް މަސައްކަތް ކުރި ސުޒޭން ބުނީ ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ކުޅިވަރުގެ ޙާލަތު އޮތީ ދުވަހަކު ދަށަށް ނުދާ ހިސާބުގައިކަމަށެވެ. އޭނާ ބުނީ ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތައް ފެންނަނީ ވިޔަފާރިވެރިން ބާރާ ނުފޫޒް ފޯރުވަމުން ދާތަން ކަމަށާއި އޭގެ ނޭދެވޭ އަސަރު ކުޅިވަރަށް ކުރަމުންދާކަމަށެވެ.

ސުޒޭން ވަނީ އެފަދަ ފަރާތްތަކުން އެގޮތައް ކަންކަންނުކޮތް ކުޅިވަރުގެ މީހުންނާ ކުޅިވަރު ހަވާލުކޮށް ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރިޔާގެން ކުރިޔަށް ދިޔުމަށް ގޮވާލާފައެވެ. މިހާރު ގްރީން ސްޓްރީޓްސްގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސުޒޭން ބުނީ ނުފޫޒް ގަދަ މީހަކަށް ފައިސާ ނުފޫޒް ބޭނުންކޮށްގެން އެސޯސިއޭޝަންތަކަށް އައުމުގެ ފުރުޞަތު އެބޮތްކަމަށާއި އެމީހަކީ ކުޅިވަރުގެ މީހަކަށް ކޮންމެހެން ވާން ނުޖެހޭކަމަވެސް މިހާތަނަށް އެސޯސިއޭޝަން ތަކުން އިންތިޙާބުވީ މީހުންނަށް ބަލާލުމުން އެނގޭކަމަށެވެ.

"މިކަހަލަ ބައިވަރު މީހުން ކުޅިވަރު ތެރެއަށް އައިސް ކުޅިވަރު އެހެން ޓޫލެއްގެ ގޮތައް ބޭނުންކުރި ހިސާބުން ރާއްޖޭގެ ކުޅިވަރުގެ މަގްބޫލްކަން ގެއްލިފަ މިއޮތީ. މިއީ ހަގީގަތުގަވެސް ބޮޑު މައްސަލައެއް. އަޑުއހާލަން އުނދަގޫވާހަކެއްމީ އެކަމަކު އެމީހުންވެސް އެބަޖެހޭ އަޑުހަން. ވަރަށް އާދޭހާއެކު ބުނެލަން ކުޅިވަރުގެ މީހުންނަށް ކުޅިވަރު ހަވާލުކޮއްފަ، ވިޔަފާރިވެރިން ވިޔަފާރިޔާއިން ކުރިޔަށްދޭ." ޢަލީ ސުޒޭން ބުންޏެވެ.

ޕްރޮގްރާމްގައި ވާހަދައްކަމުން ސުޒޭން ބުނީ އަބަދުވެސް ދައްކަމުން އަންނަނީ މާލެގައި އޮތް ދެ ޓާފް ދަނޑާއީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ފުޓްބޯޅައިގެ ވާހަކަމަށާއި އަތުޅޮތެރޭގައި ކުޅޭ ބޯޅައިގެ ވާހަކައާއި ޙާލަތު އެއްވެސް މީހަކު ނުދައްކާކަމަށެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކޯޗު ޢަލީ ސުޒޭން ވަނީ މިހާރު ރާއްޖޭގައި ފުޓްބޯޅަ ކުޅެމުންއަންނަނީ ކޮންކަމެއް ހާސިލް ކުރަންތޯކަމަށް ބުނެ ސުވާލު އުފައްދާފައެވެ.