ލިވަޕޫލްގެ ޒުވާން ޓީމު ނުކުމެ އެވަޓަން އެފްއޭކަޕުން ކަޓުވާލައިފި އެވެ.
މުބާރާތުގެ ތިން ވަނަ ބުރުގައި ރޭ ލިވަޕޫލްގެ ޒުވާން ޓީމު އެވަޓަންގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ.
މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ 71 ވަނަ މިނިޓްގައި އުމުރުން 18 އަހަރުގެ ކާޓިސް ޖޯންސް އެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ލިވަޕޫލަށް ގޯލް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ ކުލަބުގެ ލެޖެންޑެއް ކަމަށްވާ ރޮބީ ފައުލާގެ އަތުގަ އެވެ. 1994 ވަނަ އަހަރުގެ އިނގިރޭސި ޕްރެމިއާ ލީގުގައި އޭނާ ގޯލްޖެހިއިރު އުމުރަކީ 18 އަހަރާއި 340 ދުވަހެވެ. ކާޓިސް ޖޯންސްގެ އުމުރަކީ 18 އަހަރާއި 338 ދުވަހެވެ.
މެޗަށް ފަހު އޭނާ ބުނީ މޮޅުވުމުން އުފާވާ ކަމަށާއި ނަމަވެސް މެޗުކުޅެން ލިބޭލެއް މަދުވުމުން މާޔޫސްވާ ކަމަށެވެ.
"އަހަރެން މެޗަށް ދިޔައީ އަހަރެންގެ އަމިއްލަ ގޭމް ކުޅެން. ވަރަށް ބޮޑަށް މާޔޫސްވާ ކަމެއް ބެންޗުގައި ތިބެން ޖެހުމަކީ. އަދި ދަނޑަށް ނުކުމެ މެޗެއް ކުޅަފައި އަނެއްކާ ވެސް ބެންޗުގައި އިންނަން ޖެހުމަކީ. އަހަރެން މި ޓީމުގައި ވަރަށް ކުޅޭހިތްވޭ. އަދި އަހަރެން މިދަނީ މި ޓީމުގައި ތިބި ސީނިއާ ކުޅުންތެރިން ގާތުން ދަސްކުރަމުން. އެމީހުންނަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން،" ޖޯންސް މެޗަށް ފަހު ބުންޏެވެ.
މިޑްފީލްޑަރު އާދަމް ލަލާނާ ބުނީ ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ނުލިބޭތީވެ ދެރަވާ ކަމަށާއި ނަމަވެސް މަޑުމަޑުން މިފަދަ ފުރުސަތުތަކާއެކު އެމީހުންނަށް ފުރަތަމަ ޓީމުން ލިބޭ ޖާގަތައް ގިނަވެގެންދާނެ ކަމަށެވެ.
މެޗަށް ފަހު ކޯޗު ޔާގެން ކްލޮޕް ވަނީ ކުޅުންތެރިންނަށް ތައުރީފް އޮއްސާލައިފަ އެވެ.
"ވަރަށް ފުރިހަމަ މެޗެއް އެމީހުން ކުޅުނީ. ޒުވާން ކުދިންނާއި ސީނިއާ ބައެއް ކުޅުންތެރިން ގުޅިގެން ދެއްކީ ވަރަށް މޮޅު ކުޅުމެއް. ލަލާނާ ވަރަށް މޮޅަށް ކުޅުނު. (ޑިފެންޑަރު ޖޯ) ގޮމޭޒް މުޅި ޑިފެންސް ލައިން އޮގަނައިޒް ކުރީ ވަރަށް މޮޅަށް. މިއީ އޭނާގެ ހަޔާތުގައި މިހާ މޮޅަށް މިކަން ކުރި ފަހަރު ކަންނޭނގެ. އަހަރެން ގަބޫލެއްވެސް މިހާ މޮޅަށް ކުޅެފާނެ ކަމަށް،" ކްލޮޕް ބުންޏެވެ.
އެވަޓަންފެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ ޓީމު ރަނގަޅަށް ނުކުޅޭ ކަމަށާއި މިއީ އެވަޓަންގެ ޓީމު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމުގެ ހެއްކެއް ކަމަށެވެ.