ކުއްލި ޙާލަތްތަކުގައި ދެވޭ އެމްބިއުލާންސް ޚިދުމަތް ހަރުދަނާކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވައިފިއެވެ.
ކުއްލި ޙާލަތްތަކުގައި ޚިދުމަތްދެވޭ ފެންވަރުގެ އެމްބިއުލާންސްތަކެއް ރާއްޖޭގެ ގިނަ ރަށްރަށުގައި ނެތް މައްސަލައަކީ އަތޮޅު ތެރޭގެ ސިއްޙީ ޙާލަތު ވަޒަންކޮށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް އަތޮޅުތެރެއަށް ހެލްތު މިނިސްޓްރީން މިދިޔަ އަހަރުކުރެއްވި ދަތުރުތަކުގައި ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނު އެއްކަންތަކެވެ. އެހެންކަމުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރައްވާ އަދި އެކަމަށް ބޭނުންވާ ބޭރުގެ އެހީއާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަމަކޮށްދެވިއްޖެކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ލިބިފައިވާ ޕެރަމެޑިކް 21 އެމްބިއުލާންސަކާއި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހޯދާފައިވާ 5 އެމްބިއުލާންސް ގެތެރެއިން އެންމެ ރަށެއް ފިޔަވާ ހުރިހާ ރަށަކަށްވެސް މިއެމްބިއުލާންސްތައް ފޯރުކޮށްދެވިފައިވާކަމަށެވެ. މީގެ ތެރެއިން ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން އެމްބިއުލާންސް ޙަވާލުނުކުރެވި ވަނީ އެންމެ ރަށަކަށް ކަމަށާއި އެރަށަށްވެސް ވަރަށް އަވަހަށް އެމްބިއުލާންސް ފޮނުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން މީގެ ކުރިން އެއްވެސް ގޮތަކަށް އެމްބިއުލާންސްގެ ޚިދުމަތް ދީފައިނުވާ 4 ރަށަކަށްވެސް އެމްބިއުލާންސް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ބ.ފޮޅަދޫ ފެހެންދޫ ކިހާދޫގެ އިތުރުން ށ. ނޫމަރާއަށް ވަނީ މުޅިން އަލަށް އެމްބިއުލާންސް ފޮނުވާފައެވެ.
އަތޮޅުތަކުގެ ސިއްޙީ ނިޒާމުގެތެރެއިން މިވަގުތަށް އެންމެ އިސްކަމެއްދޭންޖެހޭ އެމަރޖެންސީ ކެއަރ އަދި އެމްބިއުލޭޓްރީ ޚިދުމަތް ރައްޔިތުންނާ ގާތުން ދެވޭނެ އިންތިޒާމު ހަމަޖައްސައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވުމަކީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަށްރަށަށް އެމްބިއުލާންސްތައް ހަމަކޮށް ނިމިފައި ވާއިރު ސެންޓްރަލައިޒްޑް އެމްބިއުލޭޓަރީ ސަރވިސް ކޯލް ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
އެގޮތުން ކޯލްސެންޓަރު ޤާއިމުކުރާނެ ތަނެއް ކަނޑައަޅާފައިވާއިރު މިކަމަށް ބޭނުންވާ ޓެކްނިލް މީހުންނާއި ސެންޓަރުތަކުގައި ތިބޭ މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދަވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.