ރިޕޯޓް

ބަންދުގައި މީހުން ބެހެއްޓުމާއި ރިހެބިލިޓޭޓްކުރުމަށް މިދިޔަ އަހަރު އެކަނިވެސް 400 މިލިއަން ރުފިޔާ ޚަރަދުވި - ފިނޭންސް މިނިސްޓަރ


ބަންދުގައި މީހުން ބެހެއްޓުމަށާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު އެކަނިވެސް ދައުލަތުން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިކަން ހާމަކުރެއްވީ 31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދ. ވާނީ ޕޮލިސް އެކަޑަމީގައި ބޭއްވި 31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ތަފާތު ބާވަތުގެ ކުށްކުށުގައި މިދިޔަ އަހަރުވެސް 13 ހާހަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި، އެފަދަ ކޭސްތަކުގައި ލިބުނު ގެއްލުމުގެ އަދަދު 100 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބަންދުގައި މީހުން ބެހެއްޓުމަށާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު އެކަނިވެސް ދައުލަތުން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، މިއީ ރާއްޖެފަދަ ޤައުމަކާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަދަދެއްކަމަށެވެ.

ކޮރަޕްޝަނާއި ރާވައިގެން ހިންގާ ކުށްތަކަކީ އިގްތިޞަދީ ކުރިއެރުމަށް އޮތް ހުރަހެއްގެގޮތުގައި ސިފަކުރައްވާ އެފަދަ ކުށްތައް ހުއްޓުވުމުގައި ފުލުހުންގެ ޒިންމާ ބޮަޑުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދު ވިދާޅުވީ، ފުލުހުން މިހާރު އަމާޒު ހިފާފައިވަނީ ޑިމޮކްރަަޓިކް ވެށްޓަކަށް ބޭނުންވާ އިންސާނީ ހައްޤުތައް ކަށަވަރުކޮށްދީ، މުޖުތަމައުގައި ހަމަޖެހުން ޤާއިމުކުރުމަށްކަމަށެވެ. އަދި ފުލުހުން އެކުލަވާލާފައިވާ 5 އަހަރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ތެރެއިން އެކަން ޙާސިލުކުރާނެކަމަށާއި، ފުލުހުންގެ ޑިމޮކްރެޓިކް އެކައުންޓެބިލިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ.

31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ފާސްވި ބައިވެރިންނަށް މި ރަސްމިއްޔާތުގައި ވަނީ ޑިއުޓީ ބެޓަން ހަވާލުކޮށްފައެވެ. ކޯހުން އެއްވަނަ ގެމައަށްދޭ ކޮމިޝަނަރ އޮފް ޕޮލިސްގެ ޝީލްޑް ހާސިލުކޮށްފައިވަނީ އައިނެއްލާ ގެމައެވެ. އަދި މުޅި ކޯހުން އެއް ވަނަ ދަރިވަރަށް ދޭ ކޮމިޝަނާރސް އެކްސެލަންސް އެވޯޑު ހާސިލުކޮށްފައިވަނީ ށ. ކަނޑިތީމު ޕޮލިސް ކޮންސްޓަބަލް ދާއޫދް ނާއިމެވެ. މީގެ އިތުރުން މިފަހަރުގެ ކޯހުން އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ފަރާތްތަކަށް އިނާމާއި ސަނަދު ހަވާލުކޮށްފައިވެއެވެ.

މި ކޯހަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން މަތިކޮަށްފައިވާ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމަށް ޕޮލިސް އެކެޑަމީއިން ކުރިއަށްގެންދާ ކޯހެކެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ ސެޓިފިކެޓް ލެވަލް 4 ގެ ކޯހެއްގެ ގޮތުގައި ފާސްކޮށްފައިވާ ކޯހެކެވެ. މިއީ ކެމްޕަސް ޓްރެއިނިންގެ ގޮތުގައި 6 މަސް ދުވަސް އަދި ޕްރޮބޭޝަނަރީ ޓްރެއިނިންގގެ ގޮތުގައި 6 މަސް ދުވަސް ހިމެނޭހެން 1 އަހަރު ދުވަހުގެ މުއްދަތެއްގެ ކޯހެކެވެ.

31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގގައި 20 އަންހެން ބައިވެރިންނާއި 99 ފިރިހެން ބައިވެރިން ހިމެނޭހެން ޖުމްލަ 119 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން ކޯހުން ފާސްވެފައިވަނީ 91 ފަރާތެކެވެ. ކޯހުން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތުމާއި، ސިއްހީ މައްސަލަތަކާ ގުޅިގެން 27 ފަރާތަކުން ވަނީ ކޯހުން ވަކިވެފައިވެއެވެ. މި ކޯހުގައި 16 މޮޑިއުލެއްގެ މައްޗަށް ބިނާކޮށް ތިއަރީ އެސެސްމަންޓްތަކާއި ޕްރެކްޓިކަލް އެސެސްމަންޓްތަކެއް ބައިވެރިންނަށްދީފައިވެއެވެ.

މި ކޯހުގެ ކެމްޕަސް ޓްރޭނިންގ ފުރިހަމަ ކުރާ ބައިވެރިންނަަށް ޕްރޮބޭޝަނަރީ ޕީރިއަޑްގައި ކަނޑައަޅޭ އުސޫލަކުން ފީލްޑް އެޓޭޗްމަންޓުގެ ގޮތުގައި 6 މަސް ދުވަހު ޕޮލިސް އެކަޑަމީއިން ކަނޑައަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ޑިޕާރޓްމަންޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.