ޚަބަރު

އަލިފާނުގެ ހާދިސާތަކަށް އެމްޕީއެލްގެ ސްޓާފުން ތަމްރީނުކޮށް ޕޯޓުގެ ސޭފްޓީ ވަރުގަދަ ކުރަނީ


އެމްޕީއެލްގެ އޮޕަރޭޝަންސްތައް ހިނގުމުގައި އަލިފާނުގެ ޙަދިސާތަކުގެ ނުރައްކާ ކުޑަކޮށް އެފަދަ ޙާދިސާއެއް ހިނގައިފިނަމަ ވަގުތުން ހަރަކާތްތެރިވެވޭނެ ތަމްރީނު ލިބިފައިވާ ޓީމެއް ބިނާކުރުމަށް އެމްޕީއެލްއިން އެމްއެންޑީއެފާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު ޢަލީއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ފަޔަރ އެންޑް ރެސްކިއުގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހިމެވެ.

މިއެއްބަސްވުމުގެ ދަށުން އެމްޕީއެލްގައި މިހާރު ހުރި އާލަތްތަކަކީ ފެންވަރު ރަނގަޅު އާލަތްތަކެއްތޯ މޮނީޓަރކުރުމާއި އެފަދަ އާލަތްތައް ހޯދުމުގައި އެމްއެންޑީއެފްގެ ކޮންސަލްޓެންސީވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

އަދި އަލިފާނުގެ ޙާދިސާތަކަށް އެމްޕީއެލްގެ ޓީމު ތައްޔާރުކޮށް ބޭއްވުމަކީވެސް މިއެއްބަސްވުމުގެ ދަށުން ކުރާނެ ކަމެކެވެ.

މީގެ އިތުރުން އަލިފަނުގެ ޙާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ފަޔަރ ޑްރިލް ފަދަ ޙަރަކާތްތައް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މިރަސްމިއްޔާތުގައި ވަހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލި ވިދާޅުވީ މިއީ އެމްޕީއެލުން ކުރަމުންގެންދާ މަސަކަތްތައް ހަރުދަނާކޮށް ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި އަލިފަނުގެ ޙާދިސާ ފަދަ ކަމެއް ދިމާވެއްޖެނަމަ އެމްޕީއެލްގެ ޓީމަކީ އެކަމަށް ފުރިހަމައަށް ތައްޔާރަށް އޮތް ޓީމަކަށް ހެދުމަކީ އަމާޒެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކޮމަޑާންޓް ކާނަލް ޢަބްދުﷲ އިބްރާހިމް ވިދާޅުވީ މިޕްރޮގްރާމުގެ ސަބަބުން އަލިފަނުގެ ޙާދިސާއެއް ހިނގައިފިނަމަ ސިފައިންގެ އެހީތެރިކަން ލިބުމުގެ ކުރިން ކުންފުނީގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގައި އަވަސް ފިޔަވަޅުތައް އެޅިގެންދާނެކަމަށެވެ. އޭގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރެވިގެންދާނެކަމަށެވެ.

އެމްޕީއެލްއާއި އެމްއެންޑީއެފާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ވިޔަފާރި ބަނދަރުގައި ރައްކާތެރިކަން ކަށަވަރުކޮށް އެމްއެންޑީއެފުން ބަލަހައްޓަމުން ގެންދާނެއެވެ.