ޚަބަރު

ރާއްޖެއަށް އެތެރެކުރާ މުދަލުގެ ކޮންސައިނީ ބަދަލުކުރެވޭނެ އުސޫލެއް ޢާއްމުކޮށްފި


ރާއްޖެއަށް މުދާ އެތެރެކުރުމުގައި މުދާ ރައްދުވާފަރާތްކަމަށް ބިލުތަކުގައި ބަޔާންކޮށްފައިވާ ފަރާތް އެހެން ފަރާތަކަށް ބަދަލުކުރުމަށް ވަކި ޚާއްސަ ފޯމެއް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށައެޅުމުން އެފަރާތް ބަދަލުކުރެވޭ ގޮތަށް ކަނޑައަޅައިފިއެވެ.

ކޮންސައިންމަންޓް ނުވަތަ މުދަލުގެ ޝިޕްމަންޓު ރައްދުވާ ފަރާތް އެހެން ފަރާތަކަށް ބަދަލުކޮށްދިނުމަށް ދެޙާލަތެއް ކަނޑައަޅާފައިވަނީ އަލަށް އެކުލަވާލި ކޮންސައިނީ ބަދަލުކުރުމުގެ އުސޫލުގެ ދަށުންނެވެ.
މިއުސޫލަށް އިއްޔެއިން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު މި އުސޫލުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދަލުގެ ޝިޕްމަންޓުތައް ރައްދުކުރެވޭ ފަރާތްކަމުގައި ބިލްތަކުގައި ބަޔަންކުރާ ފަރާތް ބަދަލުކުރުމަށް އެދޭ ޙާލަތުގައި އެގޮތަށް ބަދަލުކޮށްދެވޭނެކަމަށްވަނީ ބަޔާންކޮށްފައެވެ. މުދާ ރައްދުވާ ފަރާތް ބަދަލުކޮށްދޭ އަނެއް ޙާލަތުކަމަށް އުސޫލުގައި ބަޔާންކޮށްފައިވަނީ ކޮންސައިނީ ނުވަތަ މުދާ ރައްދުވާ ފަރާތްތަކަމަށް ބިލުތަކުގައި ބަޔާންކޮށްފައިވާ ފަރާތުގެ ތަފުސީލުލިޔުމުގައި ކުށެއް ހިމެނޭ ޙާލަތްތަކުގައެވެ. މިދެ ޙާލަތުގައިވެސް އެކަމަށް ޚާއްސަ ފޯމެއް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށައެޅުމުން މުދާ ރައްދުވާ ފަރާތް ކަމަށް ބިލްކުރެވޭ ފަރާތް އެހެން ފަރާތަކަށް ބަދަލުކުރެވޭނެއެވެ.

މުދާ އެކްސްޕޯޓުކުރުމާއި އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓުކުރުމުގެ ގަވާއިދުގެ ދަށުން އެކުލަވާލި މިއުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖެ އެތެރެކުރާ މުދާ ނުވަތަ އެޝިޕްމަންޓަކާއި ގުޅޭ ތަހުގީގެއް މޯލްޑިވްސް ކަސްޓަމް ސަރވިސްއިން ކުރިއަށްގެންދާނަމަ އެމުދަލެއް ރައްދުވާ ފަރާތް އެހެން ފަރާތަކަށް ބަދަލުކުރުމަށް ހުށައެޅިނަމަވެސް އެކޮންސައިންމަންޓުގެ ކޮންސައިނީ ބަދަލުކޮށް ނުދޭނެއެވެ. މިޙާލަތުގައި ކޮންސައިނީ ނުވަތަ މުދާ ރައްދުވާ ފަރާތް ބަދަލުކުރެވޭނީ ކަސްޓަމްސްގެ ތަހުގީގު ސެކްޝަނުން އެކަމަށް ހުއްދަ ދިނުމުންކަމަށްވެސް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

މީގެ ކުރިން މިމަސައްކަތް ބަލަހައްޓަމުން އައީ މިނިސްޓްރީން އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުންނެވެ. ރާއްޖޭގެ ޕޯޓުތަކުގެ ހިންގުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ އުސޫލެއްގެ ދަށުން އެކަން ބެލެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތުގެތެރެއިން މިކަންކަން މޮނީޓަރކޮށް ބެލެހެއްޓުންވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ޙަވާލުކޮށްފައެވެ. އެގޮތުން މިކަމަށް ޚާއްސަ އުސޫލުއް އެކުލަވާލާ ރިކޯޑު ބެލެހެއްޓޭނެފަދަ އިންތިޒާމެއްގެ ދަށުން ކަސްޓަމްސް ސަރވިސްއިން މިވަނީ އުސޫލަށް ޢަމަލުކުރަން ފަށާފައެވެ.