ޚަބަރު

އައްޑޫގައި ކުނިން ހަކަތަ އުފެއްދުމަށް 14 މިލިއަން ޑޮލަރުގެ ލޯނު އެހީ ލިބިއްޖެ


އައްޑޫ ސިޓީގައި ކުނިން ހަކަތަ އާއި ފެން އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް ބޭނުންވާ ފައިސާ އަބޫދާބީ ފަންޑުން ދޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން ރަސްމީކޮށް ޢިއުލާންކޮށްފައިވަނީ އަބޫދާބީގައި މިހާރުކުރިއަށްގެންދާ އައިރީނާގެ 10 ވަނަ ސަމިޓުގައެވެ.

އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ އައިރީނާ މެދުވެރިކޮށް މިމަޝްރޫޢު ހިންގުމަށް 14 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނުއެހީ ވަނީ ހަމަޖެހިފައެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 216 މިލިއަން ރުފިޔާއެވެ. މިއެހީގެ ދަށުން އައްޑޫސިޓީ ހިތަދޫގައި ކުނިމެނޭޖުކުރުމުގެ ސަރަޙައްދީ މަރުކަޒެއް ޤާއިމުކުރެވިގެންދާނެއެވެ. އެއާއެކު އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ހުވަދުއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާއި އެއަތޮޅުގައި ހިންގާ ރިސޯޓުތަކުގައި އުފެދޭ ކުނި މިމަރުކަޒަށް ޖަމާކުރެވޭނެއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި މިމަޝްރޫޢުގެ ދަށުން އެއްކުރުމަށް ހަމަޖެހިފައި ވަނީ ކުނީގެ ތެރެއިން އަމިއްލަ ޒާތުގައި ހަލާކުވެގެން ނުދާ ބާވަތުގެ ކުންޏެވެ. އަދި މިމަޝްރޫޢުގެ ދަށުން މިބާވަތުގެ ކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢު އައްޑޫ ސިޓީގައި ހިންގުމަށް ރާއްޖެއިން އައިރީނާއަށް ހުށައާޅާފައި ވަނީ މިދިޔަ އަހަރުގެތެރޭގައެވެ. ރާއްޖެއަށް މި މަޝްރޫޢު ކާމިޔާބުކުރެވިފައި ވަނީ އައިރީނާއަށް ހުށައަޅާފައިވާ ޢިއާދަ ކުރަނިވި ހަކަތައާއި ގުޅުންހުރި އެކި ކަހަލަ ޕްރޮޕޯސަލްތަކަށް ހުށައެޅި 95 ޤައުމަކާއި ވާދަކޮށްގެންނެވެ. ރާއްޖެ އާއިއެކު މިއަހަރު އައިރީނާ އާއި އޭޑީއެފްޑީ ގުޅިގެން ހިންގާ ހަކަތައިގެ އެކި މަޝްރޫޢުތަކަށް 104.5 މިލިއަން ޑޮލަރު 8 ޤައުމަކަށް ވަނީ ނިންމާފައެވެ.

އައިރީނާގެ 10 ވަނަ ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަ ވަނީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަނާއި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު އަދި އައިރީނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ޙުސެއިން ނިޔާޒާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލުންނެވެ. 2009 ވަނަ އަހަރު އައިރީނާ އުފެއްދިފަހުން ރާއްޖެއަކީ އައިރީނާއާއި ގުޅިގެން މިހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެޖަމާޢަތުގެ ބައިވެރިއެކެވެ.