ކުޅިވަރު

ޕޮގްބާ ނުދަންނަން: ޕެރޭޒް


މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަކީ އޭނާ ދަންނަ ކުޅުންތެރިއެއްނޫން ކަމަށް ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނެފައިވާއިރު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ރެއާލް އަށް ގެނައުމަށް މިހާރު އެންމެ ބޭނުންވާ އެއް ކުޅުންތެރިއަކީ ވެސް ޕޮގްބާ އެވެ.

ސައޫދީ އަރަބިއާގައި ކުޅުނު ސްޕެނިޝް ސުޕް ކަޕް ރެއާލް ކާމިޔާބުކުރުމުން އެ ގައުމުގެ ނޫސްވެރިން ޕެރޭޒް ގާތުން އެހީ ޕޮގްބާ ރެއާލް އަށް ގެންނާނެތޯ އެވެ. ނަމަވެސް ޖޯކަކަށް ހަދާފައި ޕޮގްބާ އަކީ އޭނާ ދަންނަ ކުޅުންތެރިއެއްނޫން ކަމަށް ބުނެފައި ޕްރޭޒް ވަނީ އަވަހަށް ނޫސްވެރިންނާ ވަކިވެފަ އެވެ.

ރެއާލްއިން ޕޮގްބާ ގަތުމަށް މަސައްކަތްކުރާތީވެ ކުޅުންތެރިޔާގެ އެޖެންޓް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ފާޑުކިޔާފަ އެވެ. އެއީ އެކުލަބުން ޕޮގްބާ ދޫކުރަން އެއްބަސްނުވާތީ އެވެ.

ސްޕޭނުގެ ރިޕޯޓްތައް ބުނާގޮތުން ކައިރު މުސްތަގްބަލެއްގައި ޕޮގްބާ ނުގެވުނަސް ރެއާލްއިންދަނީ ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން އެކުލަބުގެ ލޯ މިހާރު އަމާޒުވެފައިވާ ކުޅުންތެރިއަކީ ޖަރުމަނުގެ ލީޕްޒިގަށް ކުޅޭ ޓިމޯ ވާނާ އެވެ.

ޒުވާން ފޯވަޑް ގަތުމަށް ރެއާލްއިން 70 މިލިއަން ޕައުންޑް ހުށަހަޅާނެ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ. ސަބަބަކީ ޓީމުގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށް ޒިދާން ބޭނުންވުމެވެ. ރެއާލް މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ދެ ވަނާގަ އެވެ.