ރާއްޖެއަށް އޮތް ﷲގެ އެންމެ ބޮޑު އެއް ނިޢުމަތަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޤައުމުގައި އޮތް ހަމަޖެހުންކަމަށާއި އެއްވެސް ޙާލެއްގައި މިކަންކަމަށް ނުރައްކާވެދާނެފަދަ އެއްވެސްކަމެއް ނުކުރުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ގޮވާލައްވައިފިއެވެ. މުފްތީ ވިދާޅުވީ ޚިޔާލު ތަފާތުވީނަމަވެސް ވާހަކަދައްކައިގެން މަޝްވަރާގެ ރީތި އުސޫލު ހުރިހާކަމެއްގައިވެސް އިސްކުރަންޖެހޭނެކަމަށެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގެންއުޅުއްވާ މުފްތީ މެންކް މާލޭ ކާނިވާ ސަރަޙައްދުގައި ދަރުސް ދެއްވަމުން ވިދާޅުވީ ރާއްޖެއަށް އޮތް މާތްﷲގެ އެންމެ ބޮޑު ރަޙުމަތަކީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޤައުމުގައި އޮތް ހަމަޖެހުންކަމަށެވެ. އަދި މިއިން ކަމަކަށް އަސަރުކޮށް ނުރައްކާވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް މުފްތީ މެންކު ދިވެހިންނަށް ގޮވާލެއްވިއެވެ. މެންކް ވިދާޅުވީ ދިވެހިންގެ އެއްވެސް ބައެއްގެ މެދުގައި ދެބަސްވުމެއް ހިނގާނަމަ އެއީ ކޮންމެ ޙައިސިއްޔަތެއްގެ ބައެއްނަމަވެސް އަބަދުވެސް މަޝްވަރާގެ ރިވެތި އުސޫލު ޚިޔާރުކުރުމަކީ މައްސަލަ އިތުރަށް ގޯސްނުވެ ޙައްލުވުމަށް އޮތް ހަމައެކަނި މަގުކަމަށެވެ. އަދި ހުރިހާ ކަމެއްގައި ހުރިހާ އެންމެން އެއްބަސްވާން ނުޖެހޭކަމަށާއި ދެބަސްވާ ކޮންމެ ފަހަރަކު ދެންތިބި މީހުންނަށް ދެރަބަސްބުނެ ޢަމަލުތައް އެގޮތަށް ބެހެއްޓުމަކީ މުސްލިމުންގެ ގޮތް ނޫންކަމަށްވެސް މެންކު ވިދާޅުވިއެވެ. އަދި މިއަދު މުސްލިމު ޤައުމުތަކުން ފެންނަ ބައެއް ހަމަނުޖެހުންތަކަކީ އެބައިމީހުންގެ މެދުގައި މަޝްވަރާގެ އުސޫލުނެތި ގަދަބަސްބުނާ މީހުންގެ ބަސްއެކަނި ހިންގުމުން ދިމާވެފައިވާ ޙާލަތްތަކެއްކަމަށެވެ.
ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި ދަރުސްގައި ވާހަކަފުޅުދައްކަވަމުން މުފްތީ މެންކު ވިދާޅުވީ ރާއްޖެއަށް އައުމުން އަބަދުވެސް ﷲގެ ކުޅަދުންވަންތަކަން ހިތަށްގެނެވޭކަމަށެވެ. އަދި ރާއްޖޭގެ ރީތިކަން ފެނުމުން ﷲގެ ސުވަރުގެ ރީތިވާނެ މިންވަރާމެދުވެސް ވިސްނާލެވޭކަމަށް ވިދާޅުވިއެވެ. މެންކު ވިދާޅުވީ ﷲގެ ރަހުމަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ރާއްޖެއަށް އަންނަކަމަށާއި އިސްލާމީ ރިވެތި އުސޫލާއި އަޚުލާގު އެމީހުންނަށް ދެއްކުމުގައި އޮތް ފުރުސަތުގެ ބޭނުން ދިވެހިންނަށްވެސް ހިފިދާނެކަމަށެވެ.
ދަރުސްދެއްވަމުން މުފްތީ މެންކު ވިދާޅުވީ އިސްލާމް ދީނުގެ ހަމަތަކަށް އުޅޭ ﷲއާއި ގާތް މީހާއަކީ އެމީހާގެ ސަބަބުން ދެންތިބި މީހުންނަށް ހިތްދަތިކަމުގެ ބަދަލުގައި ހިތްހަމަޖެހުމާއި އޯގާތެރިކަން އިހުސާސްކުރެވޭ މީހާކަމަށެވެ. އަދި އެމީހާގެ އަޚުލާގުން ﷲގެ ދީނަށް މީހުން ޝަޢުގުވެރިކުރުވާ މީހާކަމަށްވެސް މެންކުވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ދަތުރުކުރައްވަމުންގެންދަވާ މުފްތީ މެންކުގެ ދަރުސްތައް ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައިވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވުމަކީ އިސްލާމިކް މިނިސްޓްރީގެ އިލްތިމާސެކެވެ. މީގެ އިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިސްވެ ހުކުރު ކުރުމަށް ހަމަޖެހިފައިވަނީވެސް މުފްތީ މެންކެވެ.