ކުޅިވަރު

ފުޓްބޯޅައިގެ ޙާލަތު ދަށަށް ދިޔުމުގައި ކުލަބުތަކާ އެއްވަރަށް އެފްއޭއެމްގެ ޒިންމާ ބޮޑު: ނިލަންދޫ


ފުޓްބޯޅައިގެ ޙާލަތު ދަށަށް ދިޔުމުގައި ކުލަބުތަކާ އެއްވަރަށް އެފްއޭއެމްގެ ޒިންމާ ބޮޑުކަމަށް ނިލަންދޫ ސްޕޯޓްސް ކުލަބުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް ސްޕޯޓްސް ބަޒްގައި ވާހަކަދައްކަމުން ނިލަންދޫ ސްޕޯޓްސް ކުލަބުގެ ރައީސް އަންވަރު އަލީ ވިދާޅުވީ ހާލަތު ގޯސްވުމުގެ ކުލަބުތަކައި ހަމައިން ނުނިމޭކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ފަހަތަށް ދިޔަ ކުލަބަތައް ދިޔައީ ހަމައެކަނި އެފްއޭއެމްގެ މައްސަލައަކުން ނޫންކަމަށާއި އެކުލަބުތަކުގެ މެނޭޖްމެންޓުން ވެސް ޒިންމާނަގަންޖެހޭކަމަށެވެ.

ޤައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިޔާ ވިދާޅުވީ ދިވެހި ފުޓްބޯޅައިގެ ޙާލަތު ދަށަށް ދިޔުމުގައި އެފްއޭއެމްގެ ދޯދިޔާ ނިންމުންތައްވެސް ފާހަގަކުރެވޭކަމަށެވެ.

އަންވަރު އަލީ ޕްރޮގްރާމްގައި ވާހަދައްކަމުން ވިދާޅުވީ ނިއުރޭޑިއަންޓަށް ފީފާއިން އަދަބު ދިނުމުގައި ހުސްއެކަނި އެފްއޭމްގެ ސަބަބަކުން ނޫންކަމަށާއި އެހާލަތައް ކުލަބް ދިޔައީ ރަނގަޅަށް މެނޭޖް ނުކުރެވުމުން ކަމަށެވެ. ނިއުރޭޑިއަންޓަށް ކުޅެ ޓީމުގެ މެނޭޖަރުކަން ވެސްކުރި އަންވަރު ވިދާޅުވީ ރާއްޖޭ އެންމެ ގިނަދުވަސްވީ އެންމެ ބޮޑު ދެކުލަބު މިވަގުތު ވުޖޫދުގައި ނެތުމަކީ ފުޓްބޯޅައަށް ލިބޭ ހީނަރު ކަމެއްކަމަށެވެ.

މޭނޭޖްކުރުމުގައި މައްސަލަތަކާ ހުރެ ރާއްޖޭގެ ގިނަ ކުލަބުތައް އަޑިއަޅާލައިގެންދަނީކަމަށް އަންވަރު ތުހުމަތު ކުރިއެވެ. އޭނާ ވިދާޅުވީ ފަހަކަށް އައިސް އެންމެ ރަނގަޅަށް ހިންގަމުންދާ ކުލަބަކަށް މާޒިޔާ ފާހަގަވާން ފެށީ އެޓީމުގެ މެނޭޖްމެންޓުން ކުރި ހިއްވަރުން ކަމަށެވެ.