ޚަބަރު

ދެއަހަރުގެ ތުއްތުކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައިގައި ގިނަބަޔަކު ނުކުމެ ނުރުހުން ފާޅުކުރަންފަށައިފި


ގއ.ކަނޑުހުޅުދޫގައި ޢުމުރުން އެންމެ ދެއަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ފެންމަތިވުމާގުޅިގެން އެކަމަށް ޖެންޑަރ މިނިސްޓްރީއާއި ކަމާބެހޭ އެހެން މުއައްސަސާތަކުން ފިޠަވަޅު އެޅުން ލަސްކަމަށާ، މިފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށްބުނެ ގިނަބަޔަކު ނުރުހުންފާޅުކުރަން ފަށައިފިއެވެ.

ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސާގައި ރާއްޖޭގެ އެކި ރަށްރަށުގައި ޢާއްމުންދަނީ ނުރުހުންފާޅުކުރަމުންނެވެ. މާލޭގައި ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާކުރި މީހުން ބުނީ އެމީހުން އެއްވާންޖެހުނީ މިފަދަ މައްސަލަތައް ބަލަންތިބި ފަރާތްތަކާއި މުޅި ސިސްޓަމް ފެއިލްވެފައިވާކަމަށް ޤަބޫލުކުރެވޭތީކަމަށެވެ. އެގޮތުން ކުޑަ 2 އަހަރުގެ ކުއްޖަކަށް ރަހުމު ކުޑަ އަނިޔާތަކެއް ލިބިގެން ދިޔައިރު މިނިސްޓްރީއަށް މިކަމާ ގުޅެގޮތުން ބަހެއް ބުނެލަން މިހާގިނަ ވަގުތުނެގުމަކީ ޤަބޫލުކުރެވޭނެކަމެއްނޫންކަމަށް އެމީހުން ބުންޏެވެ. މިމީހުންވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފަށް ވަރަށްބޮޑަށް ފާޑު ކިޔާފައެވެ. އަދި ޤާނޫނުގައިހުރި ފޫނުބެދޭ ބައެއް ކަންކަމުގެ ސަބަބުން މިފަދަ މައްސަލަތަކުގައި ހިމެނޭ ބޮޑެތި ކުށްވެރިން ދޫވެގެންދާކަން ގިނަބަޔަކުވަނީ ފާހަގަކޮށްފައެވެ. އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މިނިސްޓަރު ވަރަށް ބޮޑަށް ފެއިލްވެފައިވާކަމަށް މީހުންވަނީ ބުނެފައެވެ.

މިމައްސަލާގައި ނުރުހުން ފާޅުކުރަން އެއްވި މީހުންނާ ބައްދަލުކުރެއްވުމަށް މިނިސްޓަރ ޝިދާތާ ވަނީ ނުކުމެވަޑައިގެންފައެވެ. މިނިސްޓަރ ވިދާޅުވީ މިމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުއްޖާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުންދިޔަ މީހުންނަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އިސްތިއުފާދެއްވުމުން މިފަދަ މައްސަލަތައް ޙައްލުކުވާނެކަމުގެ ޔަޤީކަން ލިބިވަޑައިގެންފިނަމަ އިސްތިއުފާދެއްވާނެކަމަށެވެ.

އިހުތިޖާޖުކުރި ސަރަޙައްދުގައި ނޫސްވެރިންނާއި މިހުންގެ ސުވާލުތަކާއި ކަންބޮޑުވުމާއި ޝަކުވާއަށް ޖަވާބުދެއްވުމަށްފަހު މިނިސްޓަރވަނީ އެސަރަޙައްދުން ވަޑައިގަންވާފައެވެ. ގިނަބަޔަކުވަނީ މިނިސްޓަރގެ ފަހަތްޕުޅުން ހިންގައި އިސްތިއުފާއަށް ގޮވާފައެވެ.

ދެއަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ފުލުހުންވަނީ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ، މުނިކާފައާއި ކާފަ ގއ.ކަނޑުހުޅުދޫއިން ހައްޔަރުކޮށްފައެވެ. ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް މިމީހުން ގެންދިއުމުން އެރަށުމީހުންވަނީ އެސަރަޙައްދަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ. އެމީހުން ގޮވަމުންދިޔައީ އެހައި ހަޑި މުޑުދާރު ޖަރީމާ ހިންގާ މީހުން އެރަށު ފަސްގަނޑަށް އަރުވައިގެން ނުވާނެކަމަށެވެ. އަދި ތުއްތު ކުއްޖާގެ ބައްޕަ ރަށުން ފިލައިގެންއައިސް ހުޅުމާލޭ ފްލެއްގައި ހުރިކަމުގެ ތުހުމަތު ކުރެވޭތީ އެފްލެޓުދޮށަށް އެއްވެ ހަމަނުޖެހުން ހިންގާފައެވެ.

ރުޅިއައިސްފައިވާ ޢާއްމުންވަނީ އޭނާ އުޅޭކަމަށް ތުހުމަތުކުރެވޭ ފްލެޓަށް ގެއްލުން ދިނުމަށް މަސައްކަތްކޮށްފައެވެ. މިހަމަނުޖެހުން ހުއްޓުވުމަށް ފުލުހުންވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. މިމައްސަލައާއި ގުޅިގެން މާލޭގައި ޖެންޑަރ މިނިސްޓްރީއާއި ފުލުހުންގެ އިދާރާތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ކުރިމަތީގައިވެސް ޢާއްމުން އިހުތިޖާޖުކުރިއެވެ. އަދި ރާއްޖޭގެ ބައެއް އެހެން ސަރަޙައްދުތަކުގައިވެސް މިމުޒާހަރާތައް އަންނަނީކުރަމުންނެވެ.

މުޒާހަރާތަކުގެ އިތުރުން މިމައްސަލައިގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އިސްވެރިންނާއި ޢާއްމުން އަންނަނީ މިމައްސަލައިގައި ސޯޝަލް މީޑިއާގައި ޝުޢޫރުފާޅުކުރަމުންނެވެ. މިމައްސަލައިގައި ޝުޢޫރުފާޅު ކުރއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައިސް މައުމޫންޢަބްދުލް ޤައްޔޫމް ވިދާޅުވީ މިއީ ޖަނަވާރުންގެ ޢަމަލެއްކަމަށެވެ. މިމައްސަލާގައި މިނިސްޓަރ މަޙްލޫފާއި މިނިސްޓަރ ޔުމްނާވެސްވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އަދި މިކަމަށް ހަރުކަށި އަދަބު ދެއްވުމަށް ޢާއްމުން ގޮވާލަމުން އަންނައިރު އަލުން މިފަދަ ޢަމަލުކުރާ މީހުންނަށް މުޖުތަމަޢަށް ނުނިކުމެވޭނެ ފަދަގޮތަކަށް ޤާނޫނުތައް ހަރުކަށިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ގޮވާލައްވާފައެވެ.