ޖަޒީރާ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ރަށްރަށުގައި ބާއްވަން އެންގި ފުޓްބޯޅަ މުބާރާތްތައް ނުބާއްވަން އެފްއޭއެމުން އަންގައިފި އެވެ.
މި މުބާރާތަކީ ރަށަކުން އެއް ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެއްޖެނަމަ މުބާރާތުގައި ވާދަކުރާނެ ޓީމެއް ހޮވުމަށް ބާއްވަން ފެށި މުބާރާތެކެވެ. ގައުމީ ފުޓްބޯޅަ އިދާރާއިން މި މުބާރާތް ނުބާއްވަން އެންގިއިރު ބައެއް ރަށްރަށުގައިވަނީ ކޮލިފައިން މުބާރާތް ބާއްވާފަ އެވެ.
އެފްއޭއެމުން ބުނީ މުބާރާތް ނުބާއްވަން އެންގީ ކޮލިފައިން މުބާރާތް ކުޅެން ހުށަހެޅި ރަށްރަށުގެ އަދަދު މަދުވުމުން ކަމަށެވެ.
ކުރިން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ނަމުގައި ކުޅެމުން އައި މުބާރާތް ޖަޒީރާ ޗެމްޕިއަންޝިޕަށް ބަދަލުކޮށް މުބާރާތް މި އަހަރު ވެސް ބާއްވަން ނިންމާފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
އެފްއޭއެމްއިން މިނިވަން ޗެމްޕިއަންޝިޕް ބާއްވަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން މި މުބާރާތް ޖަޒީރާ ޗެމްޕިއަންޝިޕަށް ރީ-ބްރޭންޑްކުރީ މިދިޔަ އަހަރުއެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި 3-0 އިން ށ. ފޯކައިދޫ ބަލިކޮށް ތ. ތިމަރަފުއްޓެވެ.