ކުޑަކުދިންނާއި ގުޅޭގޮތުން ހުށައަޅާ މައްސަލަތައް ބެލުމުގައި ޖެންޑަރ މިނިސްޓްރީ އާއި ފުލުހުންގެ ފަރާތުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށް އެކަމާއި ގުޅޭގޮތުން ހެދި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އެގޮތުން ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވާ ހައި ރިސް ކޭސްތަކުގެތެރެއިން ބައެއް ކޭސްތަކުގެ އެސެސްމަންޓާއި އެކްޝަން ޕްލޭންތައް އެކުލަވާފައިނުވަކަމަށް އޮޑިޓް ރިޕޯޓުންވަނީ ހާމަކޮށްފައެވެ. އަދި މިރިޕޯޓުން ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހުށައަޅާ ކޭސްތަކުގެ މަޢުލޫމާތު ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުން ނުދާކަންވަނީ ހާމަވެފައެވެ.
ކުޑަކުދިންނަށް ކުރާ ގޯނާތަކާއި، ގުޅިގެން ހުށައެޅޭ މައްސަލަތަކާއި މެދު މުވައްސަސާތަކުން ޢަމަލުކުރަމުންދާ ގޮތް ދެނެގަތުމަށް ކުރެވުނު ޕަރފޯމަންސް އޮޑިޓުން ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ބެލުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ހާމަވެފައެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީން ބަލަމުން އަންނަ ކުޑަކުދިންނަށް ގޯނަކުރުމާއި ގުޅޭ ހައި ރިސް ކޭސްތަކުގެތެރެއިން ބައެއް ކޭސްތަކުގެ އެސެސްމަންޓާއި ކޭސްތަކާއި ގުޅޭގޮތުން އެކުލަވާލަންޖެހޭ އެކޭސްއަކާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވާލާފައި ނުވާކަމަށް އޮޑިޓު ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ. އަދި ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާ މައްސަލަތައް މިނިސްޓްރީން ބަލަހައްޓަމުން ނުދާކަމަށްވެސް އޮޑިޓު ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ކަންކަމުގެތެރެއިން އެންމެ ބޮޑު ކަމަކަށް ފާހަގަކުރެވިފައިވަނީ ކޭސްތައް ނިންމަންޖެހޭ ތާރީޚުތަކަށް ކޭސްތައް ނިންމަމުން ނުދާކަމެވެ. އެގޮތުން ފުލުހުންގެ ތަހުގީގަށްވެސް ގިނަ ދުވަސްތަކެއް ނަގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން މައްސަލަ ބަލާ ތަޙުގީގުކުރާ ފަރާތުގެ އަތުގައި 20 މައްސަލައަށްވުރެ ގިނަ މައްސަލް ހުރެގެން ނުވާނެކަމަށް އުސޫލުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު މިއާ ޚިލާފަށް ގިނަ މަސައްލަތަކެއް މުވައްޒަފުން ބަލަމުންދާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މަރުކަޒުތަކުގައި ތިބި ކުދިންގެ މެޑިކަލް ހިސްޓްރީ ބެލެހެއްޓުމަށް ގަވައިދުތަކުގައި ބަޔާންކޮށްފައިވާއިރު އެކަށީގެންވާ ގޮތެއްގައި ކުދިންގެ މެޑިކަލް ހިސްޓްރީ ބެލެހެއްޓިފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ޖިންސީ ގޯނާއާއި ޖިސްމާނީ ގޯނާއާއި ގުޅިގެން ކުއްޖާއަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ޑޮކްޓަރަށް ދެއްކުމަށް ބުނެފައިވާއިރު ބައެއް ކޭސްތަކުގައި ކުދިން ޑޮކްޓަރަށް ދައްކާފައިނުވާކަންވެސް ވަނީ ހާމަކޮށްފައެވެ. އޮޑިޓް ރިޕޯޓުގައިވަނީ މުވައްސަސާތަކުން މިފަދަ ސީރިއަސް މައްސަލަތައް ބެލުމުގައި ޢަމަލުކުރަމުންދަނީ އެންމެ ރަނގަޅަށް ނޫންކަމަށް ބުނެފައެވެ. އަދި މިކަންކަން ބަޔާންކޮށް ރަނގަޅުކުރުމަށްވަނީ މުވައްސަސާތަކަށް ލަފާދީފައެވެ.