މި އަހަރުގެ ތެރޭގައި ޤައުމީ ކުތުބުޚާނާ ޑިޖިޓަލައިޒްކޮށް ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ޤައުމީ ކުތުބުޚާނާއަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ރަވާފައިވާ ޙަރަކާތްތައް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ޤައުމީ ކުތުބުޚާނާއަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ރަވާފައިވާ ޙަރަކާތްތައް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ލައިބްރަރީއާއި މިދާއިރާއަކީ ކުރިން ވަރަށް އަޅާނުލެވި ދޫކޮށްލެވިފައި އޮތް ދާއިރާއެއްކަމަށެވެ.
އެހެންނަމަވެސް ވޭތުވެ އެއް އަހަރުދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނެވި އަލުން ކުރިއަރަން ފަށާފައިވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންގެ ލައިބްރަރީ އެއްކޮށް ހުއްޓިފައިވަނިކޮށް މިހާރު އަލުން ކުޑަކުދިންނަށް ޚާއްސަ ލައިބްރަރީގެ ޚިދުމަތް ފެށިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ލައިބްރަރީގެ ޚިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ލައިބްރަރީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް މިއަހަރުގެތެރޭގައި ފެށިގެންދާނެކަމަށެވެ. އެގޮތުން ދަރިވަރުންނާއި ދިރާސާ ކުރާ ފަރާތްތަތަކަށް އަދި ފޮތް ކިޔުމަށް ޝައުގު ހުންނަ މީހުނަށް ބޮޑެތި ފަސޭހަ ތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއާއިއެކު ކުތުބުޚާނާގައި ހުރި ފޮތްތަކާއި މަޢުލޫމާތުތައް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް ލިބޭނެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ލައިބްރަރީއަކީ ޤައުމެއްގެ ތަރައްޤީގައި އިސްދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމުގައި ލައިބްރަރީގެ ދައުރުގެ މައްޗަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ، ތަޢުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލު ބަޔަކަށް ދަރިވަރުން ހެދުމާއި ޢުމުރުން ދުވަސްވީ މީހުން މުޖުތަމަޢުގައި ހަވާސާނުކޮށް އެމީހުންގެ ބައިވެރިވުންވެސް ހިމެނޭހެން ލައިބްރަރީގެ ކުރިމަގު ބައްޓަންކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރވަނީ ކުތުބުޚާނާގެ ރިމޯޓް އެކްސެސް ޚިދުމަތް ފައްޓަވައި ދެއްވާފައެވެ. މިޚިދުމަތާއެކު ލައިބްރަރީގައި ރަޖިސްޓަރ ވެފައިވާ މީހުނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ލައިބްރަރީގެ ޚިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
ޤައުމީ ކުތުބުޚާނާއަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް އެކި ދުވަސްތަކަށް ބަހާލައިގެން ޙަރަކާތްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ސްޓްރީޓް ލައިބްރަރީގެ ޚިދުމަތް ފެށުމާއި ޕިކްމީގެ ނަމުގައި ގޭބިސީތަކުން ހަދިޔާކުރުމަށް ބޭނުންވާ ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެވޭނެ ގޮތް ހެދުމާއި ދުވަސްވީ މީހުނަށް ފޮތް ކިޔާލުމަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމާއި ފޮތް ލިޔުމުގެ މުބާރާތާއި ކުއިޒް މުބާރާތްތައް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައެވެ.
މީގެ އިތުރުން ލައިބްރަރީގައި ތިބެގެން ފޮތްކިޔާ ދަރިވަރުންނަށް ޚާއްސަކޮށްގެން ސްޓަޑީ ރޫމެއްވެސް މިއަހަރުގެ ތެރޭގައި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.