ކުޅިވަރު

ހައްލަކީ އަހަރެއްގައި 400 ދުވަސް އޮތުން: ގާޑިއޯލާ


އަހަރެއްގެ ތެރޭގައި ކުޅުންތެރިން ކުޅެންޖެހޭ މުބާރާތްތަކާއި މެޗުތައް މާގިނަ ކަމަށާއި މިކަމަށް އޮތް ހައްލަކީ އަހަރެއްގައި އޮންނަ ދުވަހުގެ އަދަދު 400 އަށް ހެދުން ކަމަށް މެންޗެސްޓާ ސިޓީން ބުނެފި އެވެ.

ކޯޗު ޕެޕް ގާޑިއޯލާ ބުނީ މުބާރާތްތައް ބާއްވާ ފަރާތްތަކުން މެޗުތައް ކުޅެން ރާވަނީ ކޯޗުންނާއި ކުޅުންތެރިންގެ އާދޭހުގެ އަޑުނާހައި ކަމަށާއި ކިތަންމެ ވަރަކަށް ކޯޗުން ވާހަކަ ދެއްކިޔަސް މިކަމަށް މިހާރު ހައްލެއް ނުފެނުނު ކަމަށެވެ. އޭނާ ބުނީ ކޮންމެ ތިން ދުވަހަކުން މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިން ލޮޑުވެ ފުޓްބޯޅައިގެ ބިއުޓީ ގެއްލެމުންދާ ކަމަށެވެ.

ގާޑިއޯލާ ބުނީ މެންޗެސްޓާ ސިޓީގެ މާކަސް ރަޝްފޯޑާއި ޓޮޓެންހަމުގެ ހެރީކޭން އަށް އަނިޔާވުމުގެ ވެސް މައިގަނޑު ސަބަބަކީ ހުރިހާ މެޗެއްގައި ކުޅެންޖެހި ވަރުބަލިވުން ކަމަށެވެ.

"އަހަރެން ވަރަށް ހިތާމަކުރަން އެ ދެކުޅުންތެރިންނާމެދު. ލީގަށް ވަރަށް މުހިންމު ދެ ކުޅުންތެރިން މިއީ. އެމީހުން ނެތުމަކީ ސަޕޯޓަރުންނާއި ޓީމަށް ވެސް ލިބޭ ދެރައެއް. އެކަމަކު މިވާހަކަތައް މުބާރާތްތައް ރާވާ މީހުން އަޑެއްނާހާ. މެޗުތައް ހަމަޖައްސަނީ ޓީވީއަށް ފަސޭހަވާގޮތަށް. އެކަމަކު ކުޅުންތެރިން ލޮޑުވެގެން ރީތިފުޓްބޯޅަ މެޗެއް ނުފެންނާނެ. މިއީ އަހަރެން އެކަނި ދައްކާ ވާހަކައެއްނޫން. ލިވަޕޫލާއި ހުރިހާ ޓީމެއްގެ ކޯޗުން އެދަނީ މިވާހަކަ ދައްކަމުން،" ގާޑިއޯލާ ބުންޏެވެ.

އޭނާ މިހެން ބުނިއިރު އަނިޔާގެ މައްސަލަތަކާހުރެ ސިޓީގެ ގިނަ ކުޅުންތެރިންނަށް މިސީޒަނުގެ ބޮޑުބައެއް ގެއްލި ޕްރެމިއާ ލީގު ދިފާއު ނުކުރެވޭ ހިސާބަށް ސިޓީ ވަނީ ވެއްޓިފަ އެވެ.