ކުޅިވަރު

އިރާނުގެ ކުލަބުތަކުން ޗެމްޕިއަންސް ލީގު ބޮއިކޮޓްކޮށްފި


އިރާނުގެ ކުލަބުތަކުން ކުރިއަށް އޮތް އޭޝިއަން ޗެމްޕިއަންސް ލީގު ނުކުޅެން ނިންމައިފި އެވެ.

އެ ގައުމުން މި ގޮތަށް ނިންމީ އީރާނުގެ ޓީމުތައް އަމިއްލަ ގައުމުގައި ކުޅެން ޖެހޭ މެޗުތައް އެހެން ގައުމެއްގައި ކުޅެން އޭއެފްސީން ނިންމުމުންނެވެ. މިކަން ބަދަލު ކުރުމަށް އިރާނުގެ އެފްއޭއާއި ސަރުކާރާއި ކުލަބުތަކުން އޭއެފްސީއާ މަޝްވަރާކުރި ނަމަވެސް އޭއެފްސީން ވަނީ ނިންމުން ބަދަލު ނުކުރަން ނިންމައިފަ އެވެ.

އިރާނުގައި މެޗުތައް ނުކުޅެން އޭއެފްސީން ނިންމީ ހަނގުރާމައިގެ ހާލަތުގައި އެގައުމު މިވަގުތު އޮތުމުންނެވެ. އިރާނާއި އެމެރިކާގެ ބަހުގެ ހަމަލާ ހޫނުވެފައިވާއިރު އިރާނުންވަނީ އެމެރިކާގެ ބައެއް މަގާމުތަކަށް ރޮކެޓް ހަމަލާވެސް ދީފަ އެވެ. މިހެންވެ އިރާނުގައި މެޗުތައް ކުޅުމަކީ މިވަގުތު ސަލާމަތީގޮތުން އެކަށީގެންވާ ކަމެއް ކަމަށް އޭއެފްސީން ގަބޫލެއް ނުކުރެ އެވެ.

ނަމަވެސް އިރާނުގެ ސަރުކާރުން ބުނީ އޭއެފްސީގެ ނިންމުމަކީ ވަރަށް ބޭއިންސާފު ނިންމުމެއް ކަމަށެވެ. އަދި އެ ޖަމާއަތުން އަޑުއަހަނީ އެމެރިކާ އަށް ތާއީދުކުރާ މީޑިޔާތަކުގެ ހަބަރުތައް އެކަނި ކަމަށެވެ.

އިރާނުގައި އެ ގައުމުގެ ގައުމީ ޓީމު ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ވެސް ކުޅެވޭނެ ކަމުގެ ޔަގީންކަމެއްނެތެވެ.