ކުޅިވަރު

ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމުން ގާޑިއޯލާގެ ރާގު ބަދަލުވެއްޖެ


މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން އެފްއޭކަޕް މެޗު ބަލަން ދަނޑަށް ދިޔަލެއް މަދުމުން ކޯޗު ޕެޕްގާޑިއޯލާ ފަޑުކިއުން އޭނާ އަށް އަމާޒުވި ހިތްހަމަނުޖެހުންތަކުގެ ސަބަބުން ގާޑިއޮލާ ރާގު ބަދަލުކޮށްފި އެވެ.

ގާޑިއޯލާ ކުރިން ބުނީ މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ނުވަންނަ ސަބަބު އޭނާ އަށް ނޭނގޭ ކަމަށާއި އެކަމުގައި ކޮންމެވެސް ސަބަބުތަކެއްވާނެ ކަމަށެވެ. ނަމަވެސް ސިޓީގެ ސަޕޯޓަރުންގެ ފައުންޑޭޝަނުން ވަނީ އެފްއޭކަޕް މެޗުތަކުގެ ޓިކެޓް ސީޒަން ޓިކެޓުގެ ތެރޭގައި ނުހިމެނޭ ކަމަށާއި އަދި ޗެމްޕިއަންސް ލީގާއި ޕްރެމިއާ ލީގުގެ ޓިކެޓް ގަތުމަށްފަހު އެފްއޭކަޕްގެ ޓިކެޓް ގަތުމަށް ހުރި މާލީ ދަތިތަކާބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ސަޕޯޓަރުންގެ ފައުންޑޭޝަނުން ބުނީ ގާޑިއޯލާ އަށް މީހުންގެ މާލީ ހާލަތު ނޭނގޭ ކަމަށެވެ. އަދި ސަޕޯޓަރުން ވެސް އަބަދުވެސް ތިބެނީ ގާޑިއޯލާގެ ފަހަތުގައި އޭނާ އަށް ތަރުހީބުދިނުމަށްކަން ކޯޗު ހަނދާނެއްނެތް ކަމަށެވެ.

މިކަމާ ގުޅީގެން ގާޑިއޯލާ ފަހުން ބުނީ ސިޓީގެ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ލިބޭ ތަރުހީބާމެދު އޭނާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި މިހާރެކޭ އެއްގޮތަށް އޭނާ އަބަދުވެސް އެދެނީ ސަޕޯޓަރުންގެ ސްޓޭޑިއަމް ފުރާލުން ކަމަށެވެ. ހާއްސަކޮށް ވާދަވެރި ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ވީހާ ގިނަ ބަޔަކު ދަނޑުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.