ކުޅިވަރު

އަބަހާނީ ކައިރީގައި މާޒިޔާ އަށް އެޑްވާންޓޭޖް އެބައޮތް: ނިޒާމްބެ


އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބަނގްލަދޭޝްގެ އަބަހާނީ ކައިރީގައި ރާއްޖޭގައި މާޒިޔާ އަށް އެޑްވާންޓޭޖް އެބައޮތް ކަމަށް ކޯޗު މުހައްމަދު ނިޒާމް ބުނެފި އެވެ.

ބަނގްލަދޭޝްގެ ސައިފް ސްޕޯޓްސް އަށް މީގެ ކުރިން ކޯޗުކޮށްދިން ނިޒާމް ބުނީ މާޒިޔާގައި އޮތް ފޯވަޑް ލައިނަކީ ވަރަށް ހަލުވި ފޯވަޑް ލައިނެއް ކަމަށެވެ.

"ދިވެހި ކުޅުންތެރިން ވަރަށް ހަލުވިވާނެ. އެންމެ ބޮޑު އެޑްވާންޓޭޖަކީ ހަލުވި ވެފައި މާޒިޔާއަކީ ތިރިން ޕާސްކޮށްގެން ކުޅޭ ޓީމަކަށްވުން. އަބަހާނީގެ ކޯޗަކީ ވަރަށް ސައިކޮލިޖިކަލް ކަންކަން ކުރާ ކޯޗެއް. އެކަންކަމަށް ރިއެކްޓްނުކޮށް މާޒިޔާ އަށް ކުރިއަށްދާންވީ،" ޓިވީއެމްގެ ދިވެހި ފުޓްބޯޅަ ޝޯގައި ނިޒާމްބެ ބުންޏެވެ.

އިތުރަށް އޭނާ ބުނީ އަބަހާނީ ކުޅެނީ ވަރަށް ކުރީގެ އިނގިރޭސި ފުޓްބޯޅަ ކަމަށެވެ.

"އެމީހުންގެ ސެޓްޕީސްތައް ވަރަށް ނުރައްކާވާނެ. އެމީހުން އާއްމުކޮށް ކުޅޭނީ ފަހަތުގައި ތިބެފައި ލޯންގް ބޯލް ޖަހާފައި. ދެން އެންމެ އެންމެ މުހިންމު ކަމަކީ އެމީހުންގެ ލޯންގް ތްރޫތައް. މިކަންކަމަށް ވިސްނައިފިއްޔާ މާޒިޔާ އަށް ހުރިހާ ގޮތަކުން ވެސް މެޗު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތް،" ނިޒާމްބެ ބުންޏެވެ.

އަބަހާނީއާ ދެކޮޅަށް މާޒިޔާ އެ ގައުމުގައި ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އޭގެ ފަހުން މާލޭގައި ކުޅެން ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.