ލިވަޕޫލުން މިހާތަނަށ ނެރުނު އެންމެ ޒުވާން ފުރަތަމަ 11އާއެކު ޝްރޫސްބަރީ 1-0 ބަލިކޮށް އެފްއޭކަޕުގެ ފަސްވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މި މެޗުގައި ޖެހި ހަމައެކަނި ގޯލަކީ ޝްރޫސްބަރީގެ ވިލިއަމް އަތުން 75 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗު ކުޅުނުއިރު ލިވަޕޫލްގެ ސީނިއާ ކުޅުންތެރިންނަށް ވަނީ ޗުއްޓީ ދީފަ އެވެ. ސަބަބަކީ ދެން މެޗެއް އޮތީ މި މަހުގެ މެދުތެރޭގައި ކަމަށްވުމުން ކޯޗު ޔާގެން ކްލޮޕް މާކުރިން ވެސް ޖެނުއަރީގައި ކުޅުންތެރިންނަށް ޗުއްޓީދޭނެ ކަމަށް ވައުދުވެފައި އޮތުމުންނެވެ. މިހެންވެ މެޗަށް ނެރުނު ފުރަތަމަ 11 އަށް ނެރުނު ޓީމުގެ އެވްރެޖް އުމުރަކީ 19 އަހަރާއި 103 ދުވަހެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި 22 ޕޮއިންޓްގެ ލީޑަކާއެކު އެއްވަނާގައި އޮތް ލިވަޕޫލްގެ ކޯޗުކަން މި މެޗުގައި ކުރީ ވެސް ޔޫތު ޓީމުގެ ކޯޗެވެ.
ޝްރޫސްބަރީގެ ދަނޑުގައި ކުޅުނު މެޗު 2-2އިން އެއްވަރުވުމުން ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވެ ލިވަޕޫލް ފަސް ވަނަ ބުރުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.
އެފްއޭކަޕުގެ ފަސް ވަނަ ބުރަށް ރޭ ދަތުރުކުރި އިނގިރޭސި އެހެން ޓީމުތަކަކީ ބާމިންހަމް ސިޓީ އާއި ރެޑިން އަދި ޑާބީ ކައުންޓީ އައި ނިއުކާސަލް އެވެ. މީގެ ތެރެއިން ޑާބީ މެޗުން މޮޅުވުމުން އެ ޓީމު ދެން ކުޅެން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. މިހެންވެ މި މެޗުވާނީ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އެ ޓީމާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗަށެވެ.
އެފްއޭކަޕުގެ ފަސް ވަނަ ބުރުން ބާމިންހަމް އާއި ރެޑިން ޖާގް ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.