ބާސެލޯނާގެ ޓެކްނިކަލް ޑައިރެކްޓަރު އެރިކް އަބިދާލް މީޑިޔާގައި ދެއްކި ވާހަކަތަކަށް ކެޕްޓަން ލަޔޮނަލް މެސީ ރައްދު ދީފި އެވެ.
އަބިދާލް ބުނެފައިވަނީ މިދިޔަ މަހު މަގާމުން ވަކިކުރި ކޯޗު އާނެސްޓޯ ވަލްވާޑޭއާއެކު ގިނަ ކުޅުންތެރިން ތިބީ މާޔޫސްވެފައި ކަމަށާއި ކުޅުންތެރިން އެކަށީގެންވާ ވަރަށް އޭނާގެ ކޯޗުކަމުގައި މަސައްކަތް ނުކުރާ ކަމަށެވެ.
މިކަމާ ގުޅިގެން މެސީ ބުނެފައިވަނީ އޭނާ އަކީ އާއްމުކޮށް މިފަދަ ވާހަކަތަކާމެދު ރައްދުދޭ މީހެއް ނޫން ކަމަށާއި ނަމަވެސް ކުޅުންތެރިންނާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ދައްކާއިރު އެއީ ކޮން ކުޅުންތެރިންތަކެއްކަން ބުނެދޭންވާނެ ކަމަށެވެ. އެހެންނޫނަމަ އެދެވެނީ ގޯސް މައުލޫމާތުތަކެއް ކަމަށެވެ.
އަބިދާލް ބުނީ ކުޅުންތެރިންނާއި ކޯޗާ ދެމެދު ޗޭންޖިން ރޫމުގައި ވެސް ރަނގަޅު ގުޅުމެއް އަބަދުވެސް އޮތްތަން ފެނުނު ކަމަށާއި ނަމަވެސް ބާސެލޯނާގެ ކުރީގެ ކުޅުންތެރިއެއްގެ ގޮތުން އޭނަ އަށް އެހެން މަންޒަރެއް ސިފަވަމުންދިޔަ ކަމަށެވެ. މިހެންވެ ކުލަބުގެ މެނޭޖްމަންޓަށް އޭނާގެ ހިޔާލު ހުށަހެޅައި އާ ކޯޗަކު ހޯދަން މަޝްވަރާދީފައިވާނެ ކަމަށެވެ.
އަބިދާލްއާއެކު ވެސް ބާސެލޯނާ އަށް ކުޅުނު މެސީ ބުނީ ކުޅުންތެރިންނަކީ ލިބޭ ކޮންމެ ދެރައަކާއެކު ދަނޑުމަތީގައި ވެސް އެކަމުގެ ޒިންމާ ނަގާ ފަރާތް ކަމަށާއި ކޮންމެ މީހަކު ވެސް އެމީހެއްގެ މަގާމުގެ ހައިސިއްޔަތުން ޒިންމާދާރު ކަމާއެކު ވާހަކަ ދައްކަނ އެދޭ ކަމަށެވެ.
މެސީ އަކީ އަބަދުވެސް ވަލްވާޑޭގެ މައްސަލައެއް ނެތް ކަމަށާއި ޒިންމާ ނަގަންޖެހޭނީ ކުޅުންތެރިން ކަމަށް ބުނަމުންދިޔަ ކުޅުންތެރިއެކެވެ.
ބާސެލޯނާގެ އާ ކޯޗަކަށް ގެނެސްފައިވަނީ ރެއާލް ބެޓިސްގެ ކޯޗުކަން ކުރި ކީކޭ ސެޓިއެން އެވެ. ނަމަވެސް އަދި ނަތީޖާތައް ރަނގަޅުވެ ޓީމު ވަނީ ސްޕެނިޝް ލީގުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ.