ކުޅިވަރު

ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބެއްގެ ތާއީދު ބައްސާމަށް


ފުރަތަމަ ޑިވިޝަނުގެ ތިން ކުލަބަކުން އެފްއޭއެމުގެ ރައީސް ކަމުގެ މަގާމަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިމަތިލެއްވުމަށް ތާއީދުކޮށްފި އެވެ.

މި ތިން ކުލަބަކީ ކުލަބު ގްރީން ސްޓްރީޓްސް އާއި ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އެވެ.

އެފްއޭއެމުގެ އިންތިހާބު އޮންނާނީ އަންނަ މަހު އެވެ. މި ގޮތަށް ނިމުނީ އެފްއޭއެމުގެ އެކްސްކޯއިން 45 ދުވަސް ތެރޭގައި އިންތިހާބު ބާއްވަން މިދިޔަ އަންގާރަ ދުވަހު ބޭއްވުމުންނެވެ.

މި އިންތިހާބުގައި ވާދަކުރައްވާނެކަން އަދި އެއްވެސް ފަރާތަކުން އިއުލާނެއް ނުކުރެ އެވެ. މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާނީ ކުލަބުތަކުން އެދޭނަމަ އެކަނި ކަމަށެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމުގެ ރައީސަކު ހޮވަން އިންތިހާބު ބާއްވަން ތައްޔާރުވާއިރު އިންތިހާބުގައި ވާދަކުރާ ކޮންމެ މީހަކު ވެސް ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބެއްގެ ތާއީދު ހޯދަން ޖެހެ އެވެ.

އެފްއޭއެމުގެ އެންމެ ފަހުގެ އިންތިހާބުގައި ވާދަކޮށް ބައްސާމް އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ބަލިކުރައްވާފަ އެވެ.