ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތް ނިމި ފައިނަލް ރިޕޯޓާ ހަމައަށް


ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން ބެލި މައްސަލަތަކަށްފަހު މިހާރު ފައިނަލް ރިޕޯޓް ތައްޔާރުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

2018ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި އެ ކޮމިޝަނުން ތަހްގީގުކުރި މައްސަލަތަކާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދަނީ ފައިނަލް ކުރުމުގެ މަސައްކަތް ކަމަށްވެސް އެ ކޮމިޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އެހެން ކަމުން އެ ކޮމިޝަނުގެ ފައިނަލް ރިޕޯޓް ކުރިއަށް 10 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތަހްގީގު ކުރި އެންމެ ބޮޑު މައްސަލައަކީ މިހާތަނަށް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގެ މައްސަލައެވެ. އެނގިފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގައިވާ 58 ރަށެއް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ޢަމަލުތަކާއި އެރަށްތައް ލިބުނު ފަރާތްތަކާއި އެރަށްތައް ކުއްޔަށް ދިނުމަށްފަހު ކޮރަޕްޝަނުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައިވާ ގޮތް އެ ރިޕޯޓްގައި ހިމަނާފައިވެއެވެ.

އަދި ކޮރަޕްޝަނުގެ މައްސަލަތަކުގައި ދައުވާ ކުރަންޖެހޭ ފަރާތްތައް ވެސް އެރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ރަށްތަކާއި ފަޅުތައް ކުށްޔަށް ދިނުމުގެ ކުރިން ޓޫރިޒަމާބެހޭ ޤާނޫނަށް ގެނައި އިސްލާހްތަކުގެ މަޤުސަދުތަކާއި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނުގެ އެފަދަ ޢަމަލުތައް ނުހިނގާނެ ގޮތައް ކަންކަން ކުރަންވީ ގޮތުގެ ލަފާވެސް އެ ރިޕޯޓްގައި ހިމަނާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަތައް އެސެޓް ރިކަވަރީ ކޮމިޝަނުން ބެލުމަށްފަހު ފައިނަލް ރިޕޯޓް ނެރުނު ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ކުރިއަށް އޮތްތަނުގައި އޭސީސީން ބަލަމުން ގެންދާނެކަމަށް އެނގިފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަތައް ތަހްގީގުކުރުމުގައި ގިނަ ބަކާ ސުވާލު ކޮށްފައިވެއެވެ.