ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަސްއާއި ގުޅިގެން ދުނިޔޭގެ ޝިޕިން ލައިންތަކުގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރަން ފަށައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކަނޑުމަގުން ކޮންޓެއިނަރުތަކުގައި އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރާ އެއް ޤައުމުކަމުގައިވާ ޗައިނާއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާގެ އާއި ދުނިޔޭގެ އެކި ޤައުމުތަކުގެ އިޤްތިސާދަށްވެސް ބޮޑެތި ލޮޅުންތަކެއް ދަނީ އަންނަމުންނެވެ.
ޗައިނާއާއި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ދަނީ ގޭގައި ތިބިގެން ވަޒީފާ އަދާކުރެވޭނެ އެކި ގޮތްތައް ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ހަމަޖައްސަމުންނެވެ. ނަމަވެސް މިގޮތުން ހަމަނުޖެއްސޭނެ ގިނަ ދާއިރާތަކެއް ހުރިއިރު، މުދާ ބާލާ، ފުރުވާ ބަނދަރުތައް ފަދަ ތަންތަނަކީ ކޮންމެހެންވެސް މީހުން އެތަނެއްގައި މަސައްކަތްކޮށްގެން ނޫނީ އެތަންތަނުން ދޭ ގިނަ ހިދުމަތް ނުދެވޭނެ ތަންތަނެވެ. ކޮރޯނާއާއި ގުޅިގެން ޗައިނާގެ އިޤްތިސާދަށް ބޮޑު ލޮޅުންތަކެއް އަންނާނެކަމަށް މާހިރުން ލަފާކޮށްފައިވާއިރު، އެޤައުމުގެ ބަނދަރުތަކުގެ ހިންގުމަށް މިވަނީ ބޮޑު އަސަރެއް ކޮށްފައެވެ.
ވަޒީފާއަށް މީހުން ނުކުމެގެން މެނުވީ ކޮންޓެއިނާ ބޯޓުފަހަރު ހުސްކޮށް، އެބޯޓުތަކަށް ކޮންޓެއިނަރުތައް އެރުވުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ބަނދަރުތަކުގެ ހިންގުން މިވަނީ މަޑުޖެހިފައެވެ. މިކަމާ ގުޅިގެން ޗައިނާއިން ބޭރު ޤައުމުތަކަށް ތަކެތި އެކްސްޕޯޓުކުރުމާއި، ޗައިނާއަށް ތަކެތި އިންޕޯޓްކުރުން އަދި ޗައިނާގެ ބަނދަރުތައް ބޭނުންކުރާ ބައިނަލްއަޤްވާމީ ޝިޕިންލައިންތަކުގެ މަސައްކަތަށް ވަނީ އަސަރުކުރަން ފަށާފައެވެ.
ދުނިޔޭގެ ޝިޕިންގ ލައިންތަކުން ޗައިނާގައި ބަނދަރުކުރާ ބޯޓުފަހަރު މިހާރު ރީ-ރޫޓްކުރަން ޖެހުމާއި ގުޅިގެން ބޮޑެތި ގެއްލުންތަކަކާއި ކަންކަން ރޭވުމުގައި ދަތިތަކެއް ދަނީ ކުރިމަތިލަމުންނެވެ.
މިދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި އާންމުކޮށްވެސް ޗައިނާގެ އައު އަހަރު ޗުއްޓީއާއި ދިމާކޮށް ކޮންޓެއިނަރ ވިޔަފާރި ދަށަށް ދިޔަނަމަވެސް، ކޮރޯނާ ވައިރަސްގެ ސަބަބުން މިއަހަރު ޗައިނާގެ އައު އަހަރުގެ ޗުއްޓީ ނިމޭ ތާރީހު 10 ފެބްރުއަރީއަށް ފަސްކުރުމާއި ގުޅިގެން ކޮންޓެއިނަރ ޝިޕިން ވިޔަފާރިތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި ކޮރޯނާވައިރަސްއާއި ގުޅިގެން ޗައިނާގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމާއި، އެހެނިހެން ދާއިރާތަކުގެ މަސައްކަތްތައް މަޑުޖެހުމުންވެސް ބަނދަރުތަކުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.
ޗައިނާގެ ބަނދަރުތަކަށް އަންނަން ޝެޑިއުލްވެފައިވާ ބޯޓުތައް ރީރޫޓްކުރަނީ އެންމެ ގިނައިން ސައުތް ކޮރެއާގެ ބޫސާން ޕޯޓަށެވެ. މިކަމުގެ ސަބަބުން ކުރިން 70 އިންސަތަ ކެޕޭސިޓީ ބޭނުންކުރަމުންދިޔަ މިޕޯޓުގެ ކެޕޭސިޓީ މިހާރު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ވަނީ މަތިވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނީ މިއީ ޗައިނާއާއި އެހެން ޤައުމުތަކަށްވެސް ގިނަދުވަހުން ނޫނީ އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއްކަމަށެވެ.
ކޮރޯނާގެ ސަބަބުން ޗައިނާގެ ބަނދަރުތަކުގެ ހިންގުން މަޑުޖެހުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ޗައިނާގެ އެކްސްޕޯޓަށްކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.