ކުޅިވަރު

މިލާން ބަލިކޮށް އިންޓަ އެއްވަނަ އަށް


އިޓަލީގެ އެންމެ ވާދަވެރި އޭސީ މިލާން ބަލިކޮށް އިންޓަމިލާން އިޓާލިއަން ލީގުގެ އެއްވަނަ ހޯދައިފި އެވެ.

އެ ޓީމަށް އެއްވަނަ ލިބެނީ ޔުވެންޓަސްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ގޯލުގެ ތަފާތުންނެވެ.

އިންޓަމިލާނާއި އޭސީމިލާން ވެސް ނިސްބަތްވާ ސެންސީރޯގައި ރޭ ކުޅުނު ފޯރިގަދަ މެޗު އިންޓަ ކާމިޔާބުކުރީ މިލާން ދެ ލަނޑު ޖަހާފައި އޮއްވައި ފަހަތުން އަރައި 4-2އިންނެވެ. މިއީ ފާއތުވެދިޔަ 60 އަހަރުތެރޭގައި ދެ ލަނޑުން ފަހަތުގައި އޮވެފައި މިލާން އަތުން އިންޓަ މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް ކަމަށާއި މިއީ ސީޒަނުގެ ޗެމްޕިއަންކަން ހޯދުމަށް ވެސް ލިބުނު ބޮޑު ބާރެއް ކަމަށެވެ.

"އެކަމަކު މިއީ އަހަރުމެން މާފޮނި ހުވަފެންތަކެއް ދެކެންޖެހޭ ސަބަބެއްނޫން. އެކަމަކު މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް. ފުރަތަމަ ހާފުގައި އަހަރުމެންނަށް ވަރަށް އުނދަގޫވި. އެކަމަކު ދެ ވަނަ ހާފަށް އަހަރުމެން ނުކުތީ ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށްގެން. ހުރިހާ ޝުކުރެއް އޮތީ ކުޅުންތެރިންނަށް،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ އިންޓަމިލާން މި ސީޒަނުގައި ކުޅެމުންދަނީ ތަށި ހޯދުމުގައި ވިސްނުމުގައިކަން ކުޅުންތެރިންނަށް އެނގޭ ކަމަށާއި މިފަދަ މެޗުތަކުން ފަހަތުގައި އޮވެފައި މޮޅުވާން އެހެންނޫންނަމަ ފަސޭހަނުވާނެ ކަމަށެވެ.