މެންޗެސްޓާ ސިޓީ ޔޫރަޕްގެ ކްލަބް މުބާރާތްތަކުން ސަސްޕެންޑްކޮށްފިއެވެ.
ސިޓީ ސަސްޕެންޑްކުރީ ކުރިއަށް އޮތް ދެސީޒަނަށެވެ. ސަސްޕެންޝަންގެ އިތުރުން އެކްލަބު ވަނީ 30 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައެވެ.
ސިޓީއަށް ސަސްޕެންޝަން މިއައީ ކުޅުންތެރިން ގަތުުމުގައި އިމެއްނެތި ޚަރަދުކޮށް، ފެއަރޕްލޭ އުޞޫލާ ހިލާފްވުމުންނެވެ. ޕްރިމިއަރ ލީގުގެ ޗެމްޕިއަން ސިޓީ ސަސްޕެންޑްކުރިއިރު މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެޓީމްގެ ނަތީޖާތައް ރަނގަޅެއެވެ.
ސަސްޕެންޝަން އެޕީލްކުރުމުގެ ފުރުޞަތު ސިޓީއަށް އޮންނާނެއެވެ. ސަސްޕެންޝަނާ ގުޅިގެން ސިޓީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ބޮޑު މާޔޫސްކަމެއް ކަމަށާއި އެކަމަކު ސަޕްރައިޒެއްނޫންކަމަށެވެ.
ސިޓީ އަށް މި އައި އަދަބާ ގުޅިގެން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސިޓީ އަށް ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ ގާޑިއޯލާ އެ ކްލަބްގައި މަޑުނުކުރާނެ ކަމަށް މީޑިއާގައި މީގެ ކުރިން ވެސް ވަނީ އަޑުފެތުރިފަ އެވެ. ގާޑިއޯލާ ހޯދަން އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން މަސައްކަތްކުރެ އެވެ.