ދެކުނުގެ ރަށެއްގައި ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކަށް، އެކިދުވަސްމަތިން އެކުއްޖާގެ ކާފައާއި ކުއްޖާގެ މުނިކާފަ، ޖިންސީގޯނާ ކޮށްފައިވާ މައްސަލައިގައި ކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް އިހްމާލުވުމުގެ ދަޢުވާ ކޮށްދިނުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.
ފުލުހުން މިގޮތަށް އެދިފައިވަނީ ކުއްޖާގެ ބައްޕަ އާއި ކުއްޖާގެ މަންމައަށް މިކަން އެނގިހުރެ އެކަން ކަމާބެހޭ އިދާރާތަކަށް ނާންގާ ކުއްޖާއަށް އިހުމާލުވެފައިވާކަމަށް ތުޙުމަތުކުރެވޭތީއެވެ. ފުލުހުން ވިދާޅުވީ ތުއްތު ކުއްޖާގެ މަންމައާއި ބައްޕަގެ މައްޗަށް ދައުވާކޮށްދޭން އެދުނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ އެކުއްޖާގެ ބައްޕަ ފަރާތު ކާފަ ގއ.ކަނޑުހުޅުދޫ، ރިހިވެލި، ޢުމުރުން ފަސްދޮޅަސް ދެ އަހަރުގެ އިބްރާހީމް ދީދީ އާއި ބައްޕަ ފަރާތު މުނިކާފަ ގއ.ކަނޑުހުޅުދޫ، އަންނާރުމާގެ، ޢުމުރުން އަށްޑިހަ ދެ އަހަރުގެ ޙަސަން މޫސާދީދީގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.
މިދެމީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ފަނަރަވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުން، ޢާއިލާގެ މެންބަރަކު އެޢާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
މީގެ ތެރެއިން ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރިކަމުގެ ތުޙުމަތުކުރެވޭ ކުއްޖާގެ މުނިކާފައަކީ މީގެކުރިންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ފުރައްސާރަކުރުމުގެ ރިކޯޑު އޮތް މީހެކެވެ.
އަދި ކުއްޖާގެ މުނިކާފަ އެރަށުގެ އެހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާކަމަށްބުނާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
އުމުރުން ދެއަހަރުވެސް ނުވާ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކުރި މައްސަލައާ ގުޅިގެން އިހުމާލުވިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ވެސް ވަނީ ޖެނުއަރީ 18 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް ތަހްގީގު ފުރިހަމަ ކުރުމަށްފަހު މިދިޔަ ހޯމަ ދުވަހު އެނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ތުޙުމަތުކުރެވޭ ފަރާތްތަކާމެދު ޤާނޫނީގޮތުން ދެވެންއޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މިފަދަ މައްސަލަތައް އަވަސްކުރުމަށް ޝަރުޢީ ދާއިރާއިންވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.