ކުޅިވަރު

މެޗުން ބަލިވި ނަމަވެސް ހާސްކަމެއް ނެތް: ޒިދާން


ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން 1-0އިން ބަލިވެ ތާވަލުގެ އެއްވަނަ މަގާމު ރެއާލް މެޑްރިޑަށް ގެއްލިއްޖެ އެވެ.

ނަމަވެސް ކޯޗު ޒައިނުއްދީން ޒިދާން ބުނެފައިވަނި ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ފަސް ޕޮއިންޓް ގެއްލުނު ނަމަވެސް ކުރިއަށް އޮތް މުހިންމު ދެ މެޗާމެދު ހާސްނުވާ ކަމަށެވެ. ރެއާލް އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެންޖެހޭ މެޗާއި އާދީއްތަ ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

"އަހަރުމެންނަށް ފުރުސަތު ލިބި ގޯލު ނުޖެހުން ހާސްވާންޖެހޭ މައްސަލައަކީ. ދެ މެޗުން ފަސް ޕޮއިންޓް ގެއްލުނު ނަމަވެސް އެކަމާ ހާހެއްނެތް. ކުރިއަށް އޮތް ހަފުތާގައި އަހަރުމެން ނުކުންނާނީ ހުރިހާ ގޮތަކުން ވެސް މެޗުތައް ކާމިޔާބުކުރަން. ފުޓްބޯޅައިގައި މިފަދަ ނަތީޖާތައް ވެސް ނުކުންނާނެ. އެކަންކަމުން އަރައިގަތުން އެންމެ މުހިންމު ކަމަކީ،" ރޭގެ މެޗަށް ފަހު ޒިދާން ބުންޏެވެ.

ރޭގެ މެޗަށް ފަހު ރެއާލްއަށް އެއްވަނަ ގެއްލުނީ ދެ ވަނާގައި އޮތް ބާސެލޯނާ އެއިބާ އަތުން މޮޅުވުމުންނެވެ. ޕޮއިންޓް ޓޭބަލުގައި މިވަގުތު ބާސެލޯނާ އަށް 55 ޕޮއިންޓް ލިބިފައިވާއިރު ރެއާލް ދެވަނާގައި އޮތީ ދެ ޕޮއިންޓް މަދުކޮށެވެ. ރޭގެ މެޗަށް ފަހު ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ވަރަށް ބޮޑަށް ރެފްރީ އަށް ފާޑުކިޔާފަ އެވެ. އެއީ އޭނާ އަށް ކުރި ފައުލަކަށް ޕެނަލްޓީ ނުދިނުމުންނެވެ.

"އަހަރެން ބޭނުންވާ ކަމެއްނޫން ރެފްރީންނަށް ފާޑުކިއުމަކީ. އެކަމަކު މި ރެފްރީ އަހަންނާމެދު ޒާތީ ކަމެއްއޮތްނަތޯ އަހާލަން ބޭނުން. ޕެނަލްޓީ ދިނުމުގައި އަދި އެހެން ކަންކަމުހައި ބައެއް ފަހަރު ކްރައިޓީއޭރިޔާ ތަފާތުވޭ،" ރާމޯސް ބުންޏެވެ.

ތިން މަސް ދުވަހު އަނިޔާގައި ހުރުމަށްފަހު އަލުން ކުޅެން ނުކުތް ނަމަވެސް ބެލްޖިއަމްގެ ފޯވަޑް އެޑެން ހަޒާޑް މި މެޗުގައި އަނިޔާވެގެން އަނެއްކާ ވެސް ބާލަންޖެހުނެވެ. ރެއާލް އަށް މި ސީޒަނަށް 100 މިލިއަން ޕައުންޑަށް ގެނައި ފޯވަޑްގެ ކަކުލަށް އަނިޔާވިއިރު މިއީ ގާތްގާތުގައި ތިން މަސް ތެރޭގައި އޭނާގެ ކަކުލަށް އަނިޔާވި ދެ ވަނަ ފަހަރެވެ. ކުޅުންތެރިޔާ ބަދަލު ކުރުމާއެކު ކޯޗު ޒިދާން އޭނާއާ ވާހަކަ ދެއްކި އެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ނުލިބެ އެވެ.