ފުލުހުންނަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ މައްސަލައަކާއި ގުޅިގެން ނައިފަރުގެ ބައެއް ގޭގެ ބަލައިފާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އެއިދާރާއަށް ހުށަހެޅި މައްސަލައަކާގުޅިގެން ކޯޓުއަމުރެއްގެ ދަަށުން ޅ.ނައިފަރުގައި ދިރިއުޅޭ 3 މީހުން ދިރިއުޅޭގެތައް ބާލައިފާސްކޮށް، ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން ދަނީ ތަޙްޤީގުކުރަމުންނެވެ.
ޓެރަރިޒަމާއި ހަރުކަށިފިކުރުގެ ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރުމަށް ކުރަމުންދާ ޤައުމީ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުނަށް ސަމާލުވެ ތިބުމަށާއި އެފަދަ މީހުންގެ މަޢުލޫމާތު ހިއްސާ ކުރުމަށް އެދިވަޑައިގެންފައެވެ.
ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ނައްތާލައި ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވަނީ ވިދާޅުވެފައެވެ.
މިއާއެކު ރާއްޖޭގެ ބައެއް ރަށްރަށުގައި ސަލާމަތީބާރުތަކުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންގޮސް ބައެއް ފަރާތްތައް ހައްޔަރުކޮށްފައެވެ. މަޢުލޫމާތު ލިބޭގޮތުގައި ފުލުހުން ބަލާފައިވަނީ ނައިފަރުގައި ބަޔަކު އެއްޗެއް ގޮއްވާލަން އުޅުނުކަމަށް ބުނާ މައްސަލައެކެވެ.