ކުޅިވަރު

މާޒިޔާއާ ދެކޮޅަށް ނެރޭނީ ޒުވާން ކުޅުންތެރިން: ބެންގަލޫރު އެފްސީ


އޭއެފްސީ ކަޕުގެ ޕްލޭއޯފްގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ބުދަ ދުވަހު ނެރޭނީ ޒުވާން ކުޅުންތެރިން ކަމަށް އިންޑިޔާގެ ބެންގަލޫރު އެފްސީގެ ކޯޗު ކުއަޑްރާޑް ބުނެފި އެވެ.

ސްޕޭނުގެ ކޯޗު ބުނީ މާލޭގައި 2-1 އިން މާޒިޔާ އަތުން ބަލިވެފައި އޮތް ނަމަވެސް އޭއެފްސީ ކަޕުގައި މިހާތަނަށް އޭނާ ކުޅުވަމުން އައި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށެވެ. އަދި މި މެޗަށް ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދޭން ނިންމީ އިންޑިއަން ސުޕަ ލީގުގައި ކުރިއަށް އޮތް ހަފުތާގައި މުހިންމު މެޗުތަކެއް ހުރުމުން ކަމަށެވެ.

"މި މެޗު ކުޅެފައި މާޗު 1ގައި އަދި 7ގައި އަހަރުމެން ކުޅެންޖެހޭ ސުޕަލީގުގެ މުހިންމު ދެ މެޗު. މިހެންވެ އަހަރެން ގަސްތުކުރަނީ ކުޅުންތެރިން ރޮޓޭޓްކުރަން. އޭއެފްސީ ކަޕުގެ ޕްލޭއޯފަށް އަހަރުމެން މިވަނީ ކޮލިފައިވެފައި. މިހެންވެ އެހިސާބަށް ޓީމު ގެނައި ކުޅުންތެރިންނަށް އަހަރެން އިތުބާރުކުރަންޖެހޭ،" ކުއަޑްރާޑް ބުންޏެވެ.

އޭނާ އަދި ބުނީ މި މެޗުގައި ކެޕްޓަން ސުނިލް ޗެތްރީ ފެނުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އަނިޔާގެ ސަބަބުން މާލޭގައި މި ދެ ޓީމު ކުޅުނު މެޗަށް އޭނާ ނާދެ އެވެ. ނަމަވެސް ކުއަޑްރާޑް ބުނީ އިންޑިޔާގައި ޗެތްރީގެ ފަހަތުން އަރަންތިބި ފޯވަޑުންނަށް ލަނޑު ނުޖެހޭ ކަމަށާއި މިހެންވެ 34 އަހަރުގެ އިންޑިޔާގެ ކެޕްޓަން ޗެތްރީގެ ރީޕްލޭސްމަންޓެއް އަދިވެސް ނެތް ކަމަށެވެ.

މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ މާޒިޔާ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެ އެވެ. ބެންގަލޫރު ކޮލިފައިވާނީ މެޗު ކާމިޔާބުކޮށްގެންނެވެ. ނަމަވެސް 2-1އިން ބެންގަލޫރު މޮޅުވެއްޖެނަމަ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެންޖެހޭނެ އެވެ. މި ދެ ޓީމުކުރެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާ ޓީމެއް ހިމެނޭނީ ރާއްޖޭގެ ޓީސީ އާއި ބަންގްލަދޭޝްގެ ބަޝަންދުރަ ޔުނައިޓެޑާއި އިންޑިޔާގެ ޗެންނާއީ އެފްސީއާ އެއްގްރޫޕެއްގަ އެވެ.