ކުޅިވަރު

އޭއެފްސީ ކަޕުގައި ވާދަކުރާ ޓީސީ ބަލިކުރަން ކްލަބް އޭދަފުށި ނުކުންނަނީ


އެފްއޭ ކަޕްގެ ފުރަތަމަ މެޗާއި ކުރިމަތިލަނީ ޓީމުގައި ހުރީ ޒުވާން ޖޯޝު ދައްކައި ޓީސީ ބަލިކުރަންކަމަށް ކުލަބު އޭދަފުށިން ބުނެފިއެވެ.

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ކުލަބް އޭދަފުއްޓާއި ޓީސީ ވަދާކުރާ މެޗުގެ ކުރިން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ސްޕޯޓްސް ބަޒް ޕްރޮގްރާމްގައި ވާހަކަދައްކަމުން ކުލަބު އޭދަފުށީގެ ބޯޑް މެމްބަރު އިބްރާހިމް އާމިރު ބުނީ މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި މި ޗެލެންޖާ ކުރިމަތިލަނީ ޓީސީ ބަލިކުރުމުގެ ރޫހުގައި ކަމަށެވެ.

އާމިރު ބުނީ ރަށުގައި ޕްރެކްޓިސް ކުރުމަށްފަހު މާލެ އަންނާނީ ހަމައެކަނި މެޗުގެ ކުޅުމުގެ ބޭނުމުގައި ނޫންކަމަށާއި ޒުވާން ޖޯޝުގައި ނިކުންނާނީ ޓީސީ ބަލިކުރަން ކަމަށެވެ. ޤައުމީ ޓީމުގެ މެނޭޖަރުކަން ކުރިންކޮށްފައިވާ އާމިރު ބުނީ ކަންކަން ހާސިލުކުރެވޭނީ ޗެލެންޖުކޮށްގެން ކަމަށާއި ކާމިޔާބު ލިބޭނީ މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ. އޭނާ ބުނީ ޓީސީ މެޗަށް ތައްޔާރުވުމަށް ފަސް މެޗު ކުޅެޓީމު އޮތީ ފުރިހަމަޔަށް ތައްޔާރުވެފަ ކަމަށް އާމިރު ބުންޏެވެ. އާމިރު ބުނީ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ރަށުގެ ރައްޔިތުން ޓީމުގެ ފަހަތުގައި ތިބުން ކަމަށެވެ.

"ކީއްވެތޯ ވަކި އޭދަފުށި ވެގެން ނުވާންވީ، ތާރީހު އެބަ ހެކިދޭ އެހެންނުންތޯ މޮޅު ޓީމެއްގެ އަތުން ދެރަޓީމެއް ވެސް މޮޅުވެދާނެކަން. މީއީ ވަރަށް ބޮޑު ޗެލެންޖެއް އެކަމަކުވެސް އަޅުގަނޑުމެން މި ނުކުންނަނީ ހަމަ ޓީސީ ބަލިކުރަން އެހިއްވަރު އަޅުގަނޑުމެންގެ ކުދިންގެ އެބަހުރި ، ޒުވާން ޖޯޝާއެކު މި ނުކުންނަނީ މޮޅުވާން." އާމިރު ބުންޏެވެ.

އޭނާ ބުނީ ޓީސީ ވަރުގަދަކަން އެނގޭކަމަށާއި އެޓީމާއި ދެކޮޅަށް ނިކުންނާނީ އިޙްތިރާމާއެކު ކަމަށެވެ. އާމިރު ބުނީ ފުރަތަމަ ޑިވިޝަންގައި މި ފެންވަރުގެ ކުލަބަކާ ދެކޮޅަށް ކުޅެލަން ލިބުމަކީވެސް ޓީމަށް ލިބޭނެ ކުރިއެރުމަކަށްވާނެކަމަށެވެ. މިމެޗާއި ކުރިމަތިލުމުގެ ކުރިން ޓީސީން ވަނީ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ދިހަ ދުވަހުގެ ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ. ކުލަބު އޭދަފުށިން އެފްއޭކަޕާއި ކުރިމަތިލަނީ ތަޖުރިބާކާރު ކޯޗު އިޚްސާން އަބްދުލްޣަނީ (ސާންތި) ގެ އިރުޝާދުގެ ދަށުންނެވެ.