ޚަބަރު

ބާތިލު ވޯޓު މަދުކުރުމަށް، ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙް އިންތިޚާބުގެ ކުރިން ފާސްކޮށްދީ: ޝަރީފް


ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓު ގިނަވެދާނެކަމަށް ބެލެވޭތީ އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙު، އިންތިޚާބުގެ ކުރިން ފާސްކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައިސް އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ އަންނަ މަހުގެ 4 ވަނަ ދުވަހު ލޯކަލް ލައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ބޭއްވިގެންދާއިރު، އެދުވަހު ވޯޓުލާ މީހާއަތަށް 2 ވޯޓު ކަރުދާސް ލިބޭނެކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާހުގައި ހަތަރު ވޯޓެއްލާން ޖެހޭކަމަށާއި، އިންތިާޚބުގައި ކޮންމެ ބޭފުޅަކުވެސް ދެއްވާ ވޯޓަކީ ބާތިލް ވޯޓަކަށް ނުހެދުމަށް ޚާއްސަ ސަމާލުކަން ދޭންޖެހޭކަމަށެވެ.

ޝަރީފު ވިދާޅުވީ އެއް ކަރުދާހުގައި ގިނަ ވޯޓުލާން ޖެހުމުންނާއި، މިހާރު ޤާނޫނު އޮންނަގޮތުން ވޯޓު ކަރުދާހުން ހޮވަންޖެހޭ އަދަދަށްވުރެ ގިނަވާ ކޮންމެ ފާހަގައެއް ޖަހައިފިނަމަ މުޅި ވޯޓުކަރުދާސް ބާތިލުވެގެންދާކަމަށެވެ.

"މިސާލަކަށް މާލެ ސިޓީ ކައުންސިލްގެ އިންތީޚާބުގައި އެއް ކަރުދާހަކަށް އެބަޖެހޭ މާލޭގެ މޭޔަރާއި، މާލެ ސިޓީ ކައުންސިލްގެ މެންބަރުން ހޮވުމާއި، އަންހެނުންނަށް ޚާއްސަދާއިރާއަށް ހޮވާ ކެނޑިޑޭޓް ހޮވަން. މިހާރު ގާނޫނު މިއޮތް ގޮތުން މިސާލަކަށް ފުރަތަމަ މޭޔަރަށް ވޯޓުލާއިރު މޭޔަރުކަމަށް ކުރިމަތިލާ ދެ ކެނޑިޑޭޓަކަށް ވޯޓު ދެއްވިއްޖެއްޔާ މުޅި ވޯޓުކަރުދާސް ބާތިލުވާނެ. އެއީ ކައުންސިލްގެ އެހެން މެންބަރުންނަށް ވޯޓު ދޭންވާވަރަށް ދީފައި އޮތްނަމަވެސް" ޝާރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަވާނެ ކަމަށް ބެލެވޭތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހަށް ޝަރީފްވަނީ މަރުހަބާ ވިދާޅުވެ އެއިސްލާހު ވީހާވެސް އަވަހަށް ފާސްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

އައްޑޫމީދޫ ދާއިރާ މެމްބަރު، ރޮޒައިނާ އާދަމް ހުށައެޅުއްވި އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮވެއްޖެ ހާލަތުގައި މުޅި ވޯޓު ބާތިލު ވުމުގެ ބަދަލުގައި، ހަމައެކަނި ވޯޓް ކަރުދާހުގައި އިތުރަށް ވޯޓް ލެވިފައި އޮންނަ ބައި ބާތިލުވާގޮތަށެވެ.

މި އިސްލާހު ފާސްވެއްޖެނަމަ ވޯޓު ކަރުދާހުގެ ފާހަގަ ޖަހަންޖެހޭ އަދަދަށް ވުރެ ގިނައިން ފާހަގަ ޖަހާފައިވާނަމަ ބާތިލުވާނީ ހަމައެކަނި ގިނައިން ފާހަގަޖެހި މަގާމުގެ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައިސް ވަނީ ހުރިހާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުންވެސް ކުރިއަށްއޮތް އިންތިޚާބުގައި ވޯޓު ބާތިލުވާނެ ގޮތް އާންމު ފަރާތްތަކަށް ހާމަކޮށްދީ ހޭލުންތެރިކުރުވުމަށް އިލްތިމާސްކުރައްވާފައެވެ.

ސައްޚަ ވޯޓެއްކަން ޔަޤީންކުރުމަށް އާންމުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ ކަރަންޓް ބިލްފަދަ ބިލްތަކާއެކު ވޯޓު ބާތިލުވާގޮތް ހިމެނުމާއި، ރަށްރަށުގެ ކޮންމެ ގެއަކަށް މީހުން ހޭލުންތެރިކުމަށް ޚާއްސަ ލީފްލެޓެއް އެރުވުމަށް މަސައްކަތްކުރަމުންދާކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.