ކޯވިޑް-19އަށް ރައްކާތެރިވުމަށް ޤާއިމުކޮށްފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
ކޯވިޑް - 19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރެއްވީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ދަރުބާރުގޭގައި ޤާައިމުކޮށްފައިވާ މި ސެންޓަރަަށް ޒިޔާރަތްކުރައްވާ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްވަނީ އެތަނުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވާ ތައްޔާރީތައް ބައްލަވާ ލައްވާފައެވެ.
މި ސެންޓަރަކީ މި ބައްޔާއި މެދު ރާއްޖެއިން އަޅާ ފިޔަވަޅުތަކާއި އަދި ރާއްޖެ އޮތް ހާލަތު ދެނެގަތުމަށް އެކުލަވާލި އޮޕަރޭޝަން ސެންޓަރެކެވެ.
އެހެން ޤައުމުތަކުގައި މި ބަލި ފެތުރެމުން އަންނަ މިންވަރަށް ބަލައި، ރާއްޖެއަށް ބަލި އައުމުގެ ފުރުޞަތު އޮތުމާއިއެކު ސަރުކާރުންދަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިހާތަނަށް ދިވެހިރާއްޖެއިން ކޯވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވިނަމަވެސް، ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، ޤައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ޤައުމީ ފެންވަރުގައި އެކުގައި ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ކޯވިޑް -19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މި ކްލިނިކްގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ކޯވިޑް-19 އަށް އިތުރަށް ސްކްރީން ކުރުމެވެ.
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދުރާލާ ރާވައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމާގުޅޭ މުއައްސަސާތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާ ސައްޙަ މަޢުލޫމާތުގެ އަލީގައި ފަރުދީގޮތުން ކުރެވެންހުރި މުހިއްމު ކަންކަން ފުރިހަމަކުރުމަށް އެޗްޕީއޭއާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުން ކުރަމުންދާ މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.