އެއް ހަފްތާއަށް ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތަށް ސަރުކާރުން ނިންމަވާފައިވަނީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ހުރިގޮތަށް ބެލުމަށްފަހުގައެވެ.
އެކަޑަމިކް ކަލަންޑަރުގައިވާގޮތުން ސްކޫލްތައް މިޑް ޓަރމް ޗުއްޓީއަށްފަހު އަންނަ އާދީއްތަ ދުވަހު ހުޅުވޭނެއެވެ. އެހެންނަމަވެސް ސްކޫލުތައް ހުޅުވުން އެއް ހަފްތާއަށް ސަރުކާރުން ފަސްކުރެއްވީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ހުރިގޮތް އިތުރަށް ދެނެގަތުމަށްޓަކައެވެ.
ސްކޫލްތައް ހުޅުވުމުގެ ކަންކަން ދެން ހަމަޖައްސާނީ ރާއްޖެ ހާލަތު ދެނެގަތުމަށްފަހު އެކަމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބެލުމަށްފަހުގައި ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސްކޫލްތައް ބަންދުކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ކިޔަވައިދެވޭނެ ގޮތަކަށްވެސް ސަރުކާރުން ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން އޮންލައިންކޮށް ނުވަތަ ބްރޯޑްކާސްޓްކޮށްގެން ނަމަވެސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެ ކޯވިޑް-19 އިން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.