އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލާ ދުވަސް ފަސްކުރުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ފަސްކުރައްވާފައިވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް ކަމަށެވެ. ޝަރީފް ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ފަސްކުރިނަމަވެސް އިންތިޚާބަށް ވަމުންދާ ތައްޔާރީތައް ހުއްޓާނުލާ ކުރިއަށްދާކަމަށެވެ. އަދި އިންތިޚާބަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިހާރު ހަމައެކަނި ނުވެ ހުރީ ވޯޓް ކަރުދާސް ޗާޕް ކުރުމާއި، ރަށްރަށަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް އެކަނިކަމަށެވެ.
އިންތިޚާބުގެ ވޯޓުލާ ދުވަސް ފަސްކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް 30 ދުވަހަށް ރާއްޖޭގައި ޞިއްޚީ ކުއްލި ހާލަތު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިއުލާންކުރުމާއި ގުޅިގެންކަމަށެވެ. އަދި މިކަމުގައި ކޮމިޝަނުން އަމަލުކޮށްފައިވާނީ ރާއްޖޭގެ ރައްޔިތުންގެ ޞިއްޚީ ރައްކާތެރިކަން އިސްކޮށްގެންކަމަށްވެސް އޭނާވިދާޅުވިއެވެ.
ކޮމިޝަނުން ވޯޓުލާ ދުވަސް ފަސްކުރުމަށް ތާރީޚެއް ކަނޑައެޅުމުގައި ބަލާފައިވާނީ ޤާނޫނުގައި ބުނެފައިވާ އިންތިޚާބް ފަސްކުރެވޭނެ އެންމެ ފަހުގެ ތާރީޚަށްކަމަށް ޝަރީފް ވިދާޅުވިއެވެ. ވޯޓުލާ ދުވަސް ފަސްކުރުމަށް މިހާރު ކަނޑައަޅާފައިވާ އޭޕްރީލް 18 ވަނަ ދުވަހަށް ވުރެ އެދުވަސް ލަސްކުރާނަމަ ދެންކުރެވޭނީ ކޯޓް އަމުރެއް އޮވެގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އެމުއްދަތުގެ ފަހަށް ދިގުލައިގެންދާނަމަ ކޮމިޝަނުން އެއަމުރު ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެކަމަށާއި އެނޫންގޮތަކަށް ދެން އިންތިޚާބް ލަސްވާނީ ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ބަދަލު ގެނެސްގެންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ފަސްކުރުމަކުން ކުރަންޖެހޭ ޚަރަދު އިތުރުވެގެން ނުދާނެކަމަށެވެ. ނަމަވެސް އިންތިޚާބް ކެންސަލްވެ އަލުން މަސައްކަތް ފަށައި އިންތިޚާބް ބާއްވަން ޖެހިއްޖެނަމަ ބޮޑު ޚަރަދެއް ހިނގާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުއެވެ.