ސްޕޭނުގެ ރެއާލް މެޑްރިޑުގެ ކުޅުންތެރިން ކަރަންޓީން ކުރަން ނިންމައިފިއެވެ.
މިއީ އެކުލަބުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމުގެ ސަބަބުން އަޅާ ފިޔަވަޅެކެވެ. ސަބަބަކީ ބާސްކެޓްބޯޅަ ޓީމާއި ފުޓްބޯޅަ ޓީމު ކުލަބުގެ ބައެއް ވަސީލަތްތައް އެކުއެކީގައި ބޭނުންކުރާތީއެވެ.
ފުޓްބޯޅަ ޓީމު ކަރަންޓީން ކުރަން ނިންމާފައިވާއިރު އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ކުރިއަށް އެބައޮތެވެ. ނަމަވެސް ސްޕެނިޝް ލީގުން މިހާރު ވަނީ ކުރިއަށް އޮތް ދެ ހަފުތާއަށް ލީގު މެދުކަނޑާލަން ނިންމާފައެވެ. އަދި ރެއާލް މެޑްރިޑުން ވަނީ ކުލަބުގެ ވަސީލަތްތަކުން ވަގުތީގޮތުން ހިދުމަތްދިނުން ހުއްޓާލައިފައެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން އިޓާލިއަން ލީގު ވެސް ވަނީ މެދުކަނޑާލާފައެވެ. އަދި އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސި ކުލަބު ލެސްޓާ ސިޓީ އާއި އާސެނަލްގެ ބައެއް ކުޅުންތެރިން ވައިރަހަށް ޕޮޒިޓިވްވެފައިވާތީވެ މި މެޗުތައް ވަނީ ފަސްކޮށްފައެވެ.
މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ގިނަ ކުޅިވަރުތަކެއް ވަނީ ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައެވެ.